ނިންޖަކީ ހަށިގަނޑަށް ކާނާ، ފެން އަދި ވައި ބޭނުންވާ ފަދައިން ބޭނުން ވާ މުހިންމު އެއްޗެކެވެ. އާއްމުކޮށް ނިދުމަށް ތަފާތު އުމުރު ފުރާއިގެ މީހުންނަށް އުނދަގޫ ތަކާ ދިމާވެ އެވެ.
މިގޮތަށް ނިދުމުގައި އުނދަގޫތަކެއްވާ ނަމަ ބައެއް އާދަތައް ބަދަލުކޮށްލަން ޖެހެ އެވެ. އެގޮތުން ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.
1. ނިދާ ގަޑި ނޫން ގަޑިތަކުގައި ނިދުން މަދުކުރުން.
މާ ގިނަ ވަގުތު ނިދުމުގައި ހޭދަ ނުކުރާށެވެ. މިއީ ވިސްނަން ޖެހޭ ވަރަށް މުހިންމު ނުކުތާއެކެވެ. ކޮންމެ ދުވަހަކު ހެނދުނު އެއް ގަޑިޔަކައް ތެދުވަން އާދަ ކުރާށެވެ. އެއީ ރޭގަނޑުގެ ބައެއްގައި ނުނިދުނަސްވެހެވެ.
ކޮންމެ ދުވަހަކު އާދަ ކުރުމުން ހަށިގަނޑުގެ ތަރުބީއްޔަތު އިސާހިތަކު ބަދަލުވެދާނެ އެވެ. އަދި ރޭގަނޑު ނިދި އައުން އަވަސް ވާނެ އެވެ.
2. ކަސްރަތު ކުރުން ގިނަކުރުން
ހެނދުނު ހެނދުނާ ކުރެވޭ ކަސްރަތުގެ ސަބަބުން މުޅި ދުވަހު މީހާ ތާޒާވެފައި ވެސް ހުންނާނެ އެވެ. ވީމާ ހެނދުނގެ ކަސްރަތަކީ ކިހާ މުހިއްމު އެއްޗެއްކަން މިހާރު ގަބޫލުފުޅު ކުރެއްވޭނެ އެވެ. ހާއްސަކޮށް ރޭގަނޑު ނިދަން އުނދަގޫވެއްޖެއްޔާ މިކަން ކުރައްވާށެވެ. ހަށިގަނޑު ތާޒާ ވާނެ އެވެ. ސައިންސްވެރިންގެ ހޯދުންތަކުން އެނގިފައިވާ ގޮތުން ނިދި މަދު މީހުން ދުވާލު މާ ހެލިފެލިވެ އެވެ. ހެނދުނު ފަތިހާ ތެދުވެ ހިނގާލުން، ޖޮގިން ކޮއްލުން، ފަތަން ދިޔުން ފަދަ ކަސްރަތަކުން މީހާ ހީވާގި ކަންލިބި މުރާލިވެ އެވެ. އަދި މެންދުރު ކޮންމެވެސް ވަރަކަށް ނިދަން ބޭނުން ވިޔަސް މިކަން ވެސް މާ ބޮޑު ކަމަކަށް ނުވެ އެވެ.
3. ނިދާ ގަޑި ވަކި ތާވަލެއްގެ ގޮތަށް ބައްޓަން ކުރުން.
އާދަވެ އެއް ގަޑިއަކަށް ނިދަން އޮށޯވެވޭތޯ ބަލާށެވެ. އެއީ ނުނިދުނަސް ހެވެވެ. ކެއުން ވެސް ވަކިތާވަލެއްގެ ގޮތުން ކަންޏާ އެ ކާގަޑިއަކަށް ބަނޑުހައިވާނެ އެވެ. ނިންޖަކީ ވެސް މިފަދަ ހައިހޫނުކަމެކެވެ. އެއް ގަޑިއަކަށް އާދަވެ ނިދަން އޮށޯންނަ ނަމަ އެގަޑި ޖެހޭ އިރަށް ނިދި އަންނާނެ އެވެ. އެއީ ކާގަޑި ޖެހޭ އިރަށް ބަނޑުހައިވާ ފަދައިންނެވެ.
ރޭގަނޑު ފަސްގަޑި އިރުގެ ނިދި ނުލިބޭ ނަމަ ފަސްގަޑި އިރު ނިދުމުގެ ކުރިން އޮށޯންނާށެވެ. މިސާލަކައް ހެނދުނު 7:00 ޖަހާ އިރު ހޭލެވޭ ނަމަ ރޭގަނޑު 2:00 ޖަހަން ދެން ނިދަން ނުއޮށޯންނާށެވެ. ދޭތެރެ މެދުން ކުޑަވަގުތުކޮޅުތަކުގައި ނުނިދާށެވެ. ދެން މަޑުމަޑުން ގަޑި ބަދަލު ކުރަމުންދާށެވެ. ގައިމު ކޮންމެވެސް ބަދަލެއް ފެންނާނެ އެވެ.
ނިދާ ގަޑި ކައިރިވެފައި ހުއްޓައި އެއްވެސް ކުރިއަށް ހުރި ޕްރޮގުރާމްތަކެއް ނުރާވާށެވެ. މާނައަކީ ބޮޑެތި ކަންތައް ކުރަން ނުވިސްނާށޭ އެވެ. ނިދުމުގެ ކުރިން ރީތިކޮށް ފެންވަރާ ސާފުވެލާށެވެ. އަދި ސިކުނޑީގެ ބަރުހެލިކަން ދުރުކޮށް ލުމައް މަޑުމައިތިރި ލަވައެއް އަޑު އަހާލާށެވެ. ނޫނީ ކޮންމެވެސް ހިތްހަމަޖެހޭ މާ ދިގު ނޫން ޓީވީ ޕްރޮގްރާމެއް ބަލާލާށެވެ. ނިދާ އެނދުވެސް ވަރަށް ސާފު ތާހިރު ކުރަން ވާނެ އެވެ.
ނިދުމުގެ ކުރިން ފެންވެރުމަކީ މުޅި ހަށިގަނޑައް ވަރަށް ބޮޑު ތާޒާކަމަކާއި އަރާމު ލިއްބައިދޭ ކަމެކެވެ. ނިދުމުގެ ކުރިން އާދަވެ ފެންވަރަން ބޭނުން ނަމަ ކޮންމެހެން އިރާކޮޅު ފެންނުވެރިޔަސް އެންމެ ރަނގަޅެވެ.
4 - ދުވާލުގެ ކެއުން ވަކި ގޮތަކަށް ބެހެއްޓުން.
ދުވާލުގެ ކެއުން ބަހައްޓަންވާނީ މެދު މިންވަރަކަށެވެ. އަދި ރޭގަނޑުގެ ކެއުން ކާން ޖެހޭނީ ނިދުމުގެ އެންމެ މަދުވެގެން 4 ގަޑިއިރު ކުރިންނެވެ. އެއީ އަޅުގަނޑުމެންގެ ސިސްޓަމް އެ ކާއެއްޗެތި ހަޖަމު ކުރުމަށް ވަގުތު ދިނުމަށްޓަކަ އެވެ.
5- ނިދުމަށްޓަކައި ނިދާތަން ވަކި ގޮތަކަށް ތައްޔާރު ކުރުން.
ފުރަތަމަ ކޮޓަރީގެ ފިނި ހޫނުމިން ބަލާލަމާތޯ އެވެ؟ ފިނި ކޮޓަރިއެއް ނަމަ 65- 70 ގައި ޓެމްޕަރޭޗަ ބެހެެއްޓުން ރަނގަޅުވާނެ އެވެ. މިވަރުން ވެސް ބުލެންކެޓަކުން ހަށިގަނޑު ނިވާކޮއްލާށެވެ. އަދި އަރާމު ވާގޮތަށް ބާލީސް ކައިރީގައި ލަފާލާށެވެ. ކޮޓަރީގެ ތެއްފިނިކަން ހަމަޔަކަށް އެޅުމަށް ފަންކާ ޖަހާ ތަނެއް ނަމަ ކުޑަދޮރެއް ހުޅުވާފައި ބެހެއްޓުން ރަނގަޅު ވާނެ އެވެ.
6- ވިސްނުން ތަކާއި ދުރުވުން.
ނިދަން އޮށޯތުމަށްފހު މާ ބޮޑަށް ވިސްނާ ފިކުރު ކުރެވޭ ނަމަވެސް ނިދުމަށް ހުރަސްތަކާއި ކުރިމަތިވެ އެވެ. ނިދަން އޮށޯތުމަށްފަހު ބޭކާރު ޚިޔާލްތަކާއި ދުރުވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް