ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ޤައުމަށް ނޫން: މިނިސްޓަރ ޝާހިދު

ނިއުކްލިއަރ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން ވީއެންމެ އަވަހަކަށް އެ މުޢާހަދާގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި އެވެ. ދުނިޔެއިން ނިއ...

03 Oct 2020 | 08:47

ނިއުކްލިއަރ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން ވީއެންމެ އަވަހަކަށް އެ މުޢާހަދާގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި އެވެ.

ދުނިޔެއިން ނިއުކްލިއަރ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަޤްރީރުކުރެއްވުމަށް ފޮނުއްވި ވީޑިއޯ މެސެޖްގައި، ދުނިޔެއިން ނިއުކްލިއަރ ހަތިޔާރާއި، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ނައްތާލުމުގައި އދ އަދާކުރަމުންދާ ދައުރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިހާރުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަން ފާހަގަކުރައްވައި، ނިއުކްލިއަރ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން ވީއެންމެ އަވަހަކަށް އެ މުޢާހަދާގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. އަދި ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލްކުރުމަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ޤައުމަށް ނޫންކަމަށް ވިދާޅުވެ، ޓްރީޓީ އޮން ނަން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއަރ ވެޕަންސް މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ޤައުމަކީ ދިވެހިރާއްޖެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސަރަހައްދީ ސަލާމާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ބައިނަލްއަޤްވާމީ ޒިންމާތައް ރާއްޖެއިން އަދާކުރަމުންދާކަން ފާހަގަކުރައްވަމުން، ރާއްޖެއިން އާރމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓަރ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއަރ ޕްރޮހިބިޝަން ޓްރީޓީ ގައި ރާއްޖެއިން ބައިވެރިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔެއިން ނިއުކްލިއަރ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުތަކުން މަންދޫބުން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް