މުޢުޖިޒާތް : ހަނދު ދެފަޅިވުން

މުއުޖިޒާތަކީ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ އަތްޕުޅު މައްޗަށް މާތް ﷲ ފާޅުކުރައްވާ މީސްތަކުންނަށް ކުރުން ކުޅަދާނަވެގެން ނުވާ އާދަޔާ ޙިލާފު ކަންތައްތަކެވެ. މިއުންމަތުގެ މާތް ސާޙިބާ މުހައްމަދު صلَى ا...

03 Oct 2020 | 03:00

މުއުޖިޒާތަކީ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ އަތްޕުޅު މައްޗަށް މާތް ﷲ ފާޅުކުރައްވާ މީސްތަކުންނަށް ކުރުން ކުޅަދާނަވެގެން ނުވާ އާދަޔާ ޙިލާފު ކަންތައްތަކެވެ. މިއުންމަތުގެ މާތް ސާޙިބާ މުހައްމަދު صلَى اللَّهُ عَلَيهِ وَسلَّمَ  އަށް ދެއްވި މުއުޖިޒާތް ތަކުގެ ތެރޭގައި

ހަނދަށް އިޝާރާތް ކުރުމުން ހަނދު ދެފަޅިވުން،  އިސްރާއާއި މިޢުރާޖުގެ ދަތުރު،  އިނގިލިތަކުގެ ދެމެދުން ފެން ނިކުތުން އަދި  ކީރިތި ޤުރުޢާން ހިމެނެއެވެ. މިގޮތުން ހަނދު ދެފަޅިވި ހާދިޘާއަށް ބަލާލާނަމެވެ. މައްކާގެ މުޝްރިކުން ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި މުއުޖިޒާތްތަކަށް އެދި އެކަންކަން އެމީހުންނަށް ދެއްކެވުމަށް ދަންނަވައި އުޅުނެވެ. ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތުގައި މިވާހަކަ ގެނެސްދީފައިވެއެވެ.

އެއް ފަހަރަކު ސާދަ ވިލޭރެއަކު މުޝްރިކުން އެއްވެތިބެ ދެންނެވިއެވެ. އެހެރަ ފެންނަ ހަނދު ކަލޭގެފާނުން ދެފަޅި ހަމައަށް އިރުއްވާށެވެ. އޭރުން ކަލޭގެފާނަށް ތިމަންމެން އީމާންވެދާ ހުށީމެވެ. ދެންފަހެ އެކަލޭގެފާނުން ހަނދަށް އިޝާރާތެއް ކުރެއްވުމުން ﷲ ގެ އިރަދަފުޅުން ހަމަޔަށް ދެފަޅިވެ، އެއްފަޅި އަބޫޤުބައިސް ފަރުބަދަޔާއި ދިމާއަށް އަނެއްފަޅި ޤައެޤަޢާންމު ފަރުބަދައާ ދިމާއަށް ހިނގައްޖެއެވެ.

މިބައިމީހުން ބިރުން ހަޅޭލައިގެން ދަންނެވިއެވެ. އަވަހަށް އިހު ހުރި ގޮތަށް ހައްދަވައި ދެއްވާށެވެ. ދެންފަހެ އިހު ހުރި ފަދައިން ﷲ ގެ އިރާދަފުޅުން ވެއްޖެއެވެ. މިކަމަށްވެސް އީމާންވީ ބަޔަކު މީހުންނެވެ. އެމީހުންކުރެ ގަދަ ފަދަ މީހުން ބުނެފައިވަނީ ތިޔައީވެސް ސިހުރެކެވެ. އަނެއް ބަޔަކު ބުންޏެވެ. ސިހުރެއް ވިއްޔަކާ މިތާގައި ތިބި މީހުންގެ ލޮލަށް ނޫނީ އެކަމެއް ނުފެންނާނެއެވެ. ދެން މިމުޝްރިކުން ދުރު ރަށްރަށުން އައިމީހުންކުރެން އަހާ، ދުރު ރަށްރަށަށްވެސް މިކަން ފެނުނުކަން ސާބިތުވުމުންވެސް އީމާންވީ ބަޔަކު މީހުންނެވެ. އަނެއް ބައިމީހުން (މީގެތެރޭގައި ވެރިއަކީ އަބޫޖަހުލު) ބުނެފައިވަނީ އެއީ ދެމިގެންވާ ސިހުރެއް ކަމުގައެވެ. ކިތަންމެ ދުރަކަށްވެސް ފެނިދާނެއެވެ.

މިވާހަކަ ޤަމަރު ސޫރަތުގައި ވަޙީކުރައްވާފައި.

ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ (54:1)    وَإِن يَرَوْا ءَايَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ (54:2)

މާނަ: "ޤިޔާމަތްވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެއެވެ. އަދި ބުނެއެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ."

ލޯމައްޗަށް ފެންނަން ދުވާލުގެ އިރު ފަދައިން ވީނަމަވެސް ﷲ ގެ ކުޅަދުންވަންތަ ކަމަށް ފާޅުގައި އެއުރެން ދެކޮޅު ހަދަތެވެ. ހަސަބާއި ނަސަބައްޓަކައި މުޝްރިކުން ދުނިޔެއަށް ހެއްލި ދިޔައީ މިފަދަ މަތިވެރި މުއުޖިޒާތްތައް ލޮލުން ދެކެ އަތުން ހިފައިފައެވެ.

ސައިންސާއި ތާރީޚުން މިއަޖާއިބުން ފުރިގެންވާ މުއުޖިޒާތުގެ ތެދުކަން މިއަދުގެ ވަނީ ކަށަވަރު ކޮށްދީފައެވެ. މިފަދައިން ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ ކަންކަމުގެ ހަޤީގަތުގެ ތެދުކަން ދަނީ ހާމަވެ ފެންނަމުންނެވެ. ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެކަން ކަށަވަރެވެ. އާޙިރަތައްޓަކައި އަހަރެމެން މިފަދަ ކަންކަމުން އިބްރަތް ޙާސިލު ކުރުމަށް އަވަސްވެ ގަންނާށެވެ. އީމާން ނުވި މުޝްރިކުން ފަދައިން ވެއްޖެނަމަ ގެއްލެނި ވެއްޖެކަން ކަށަވަރެވެ.

މައުލޫމާތް:ސުވާދީބް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް