ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުން ގެންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އަންނަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ ޓްވީޓާ އެކައުންޓުގައި އެމަނިކުފާނަކީ އެމްޑީއެންގެ ބޯޑު މެންބަރެއް ކަމަށްބުނެ އެމަނިކުފާނުގެ ޕްރޮފައިލްގައި ލިޔެފައިވާތީ އެ ޕްރޮފައިލްގެ ސްކްރީން ޝޮޓްުތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.
ފުލުހުން ބުނީ ފުލުހުން ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނަރު އޮފް ޕޮލިސް އަދާ ނުކުރައްވާ ކަމަށެވެ. ފުލުހުން ބުނީ ކޮމިޝަނަރު އޮފް ޕޮލިސް ވެސް އަދި އެހެނިހެން ފުލުހުންވެސް ފުލުހުންގެ ވަޒީފާ އަދާކުރާ ހިނދު އެ އިދާރާގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި އެ އުސޫލާއި ހިލާފުވާ ފަރާތްތަކަށް ފުލުހުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ޑިމޮކްރަސީ ނެޓުވޯކުން މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ގުރުއާނާއި ރަސޫލުﷲ (ސ.އ.ވ) އަށް ބަދުބަސްބުނެ ވަނީ ރިޕޯޓެއް ނެެރެފައެވެ. އަދި އެ ރިޕޯޓުގެ ސަބަބުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލާ އެ ޖަމިއްޔާ އުވާލަން ވެސް ވަނީ ގޮވާލައިފައެވެ. އަދި އިސްލާމިކް މިނިސްޓްރީންވެސް ވަނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާ އެކަން ތަހުގީގު ކޮށްދިނުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް