އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓުގައި މާތްވެގެންވާ އިސްލާމްދީނާއި ރަސޫލާﷲ (ސ.އ.ވ)އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ގޮތަކަށް ވާހަކަދައްކާފައިވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު މެންދުރު 13:46ގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
https://twitter.com/MVIaffairs/status/1179716795822829568
މި މައްސަލަ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ވާހަކައެއް ފުލުހުން ބުނެފައެއް ނުވެއެވެ. މި މައްސަލާގައި މީޑިއާތަކާއި ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނީ ފުލުހުން ބުނީ، އެމްޑީއެންގެ މީހުން ހިމެނޭގޮތަށް ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެމީހުންގެ މައުލޫމާތު ހިމަނައި، އެމީހުންނަކީ އިސްލާމްދީން ނައްތާލަން މުގުލުގައި ތިބި މީހުން ކަމަށް ބުނެ އެމީހުންނާ މެދު ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންދާ މައްސަލައެއް ހުށަހަޅާފައި ވާތީ ތަހްގީގު ކުރަމުންދާ ކަމަށެވެ.
އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.
އެ ޖަމިއްޔާގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައިވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެސް އެމްޑީއެންގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މީހުންގެ ފާޑުކިޔުންތަކާއި ގުޅިގެން އެމްޑީއެންއިން ވަނީ ފަހުން އެ ރިޕޯޓު އެމްޑީއެންގެ ވެބްސައިޓުން ނަގާފައެވެ. ނަމަވެސް އެ ރިޕޯޓުގެ ލިންކު ބޭނުން ކޮށްގެން އަދިވެސް އެ ރިޕޯޓު ބެލެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް