އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މޯލްޑިވް ގޭހުގެ ދެ މުވައްޒަފަކަށް ހައްގު ދަތުރެއް ދޭން އެކުންފުނިން ނިންމައިފިއެވެ.
މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ އެމްޑީ ޝަޒާއިލް ޝިޔާމް ވިދާޅުވީ، މޯލްޑިވް ގޭހުގެ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލު ކަމަށާއި، އެހެންކަމުން މުވައްޒަފުންގެ ކުރިއެރުމަށް އެކުންފުނިން ގިނަ ކަންތައްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ހައްޖު ދަތުރު ދޭން ނިންމީ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަޒާއިލް ވިދާޅުވީ، މިއަހަރުގެ ތެރޭގައި އެކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭތޯ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، އިތުރު ބޯނަސްތައް ދިނުމަށް މިހާރުވެސް މަޝްވަރާކުރެވެމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ކުންފުނިތަކުންގެ ތެރެއިން މުވައްޒަފުންގެ ކުރިމަގާއި މެދު ވިސްނަނީ މަދު ކުންފުނިތަކެއްކަން ފާހަގަކުރައްވައި ޝަޒާއިލް ވިދާޅުވީ، އެކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ސްކޮލާޝިޕްތައް ދީގެން މުވައްޒަފުންނަށް ލިބެންޖެހޭ ތަމްރީންތައް ހޯދައިދޭނެ ކަމަށާއި، އަންނަ ދެތިން އަހަރު ތެރޭގައި ޓެކްނިކަލް މުވައްޒަފުން ގިނަ ކުންފުންޏަކަށް އެކުންފުނި ވެގެންދާނެ ކަމަށެވެ.
މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެގޮތުން ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ބައްލަވައިގަންނަވާ ހުރިހާ ތަކެއްޗެއް މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން މިއަދު ވަނީ ފަށައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް