އާންމުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރުމަށް ނިންމައިފި އެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ޖުލައި 14 ގައި ހުޅުވާލިއެވެ. އެއީ އެ ކޮމިޝަނަށް އާއްމުންގެ ތެރެއިން މިހާރު ކަނޑައަޅާފައިވާ މެންަރު އަބްދުލް ހަންނާނު އަހުމަދުގެ ދައުރު ހަމަވާތީއެވެ.
ދެވަނަ ފަހަރަށް އިއުލާން ކުރަން ނިންމި ސަބަބު ހާމަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެންމެ ފުރަތަމަ ޖޭއެސްސީގެ މެމްބަރު ކަމަށް އިއުލާންކޮށްފައިވަނީ، ކުރީގައި އަމަލު ކުރަން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ކަމަށެވެ.
ނަމަވެސް މިހާރު އަލަށް އަމަލުކުރަމުންދާ މަޖިލިސް ގަވައިދުގައި މަގާމުތަކަށް އެގޮތައް އިއުލާން ކުރުމާ ގުޅޭ މަރުހާލާ ވަރަށް ތަފާތުވާނެ ކަމަށާއި އަދި ގިނަ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެކަން އެގޮތަށް ކޮށްދެއްވުމަށް [އަލުން އިއުލާން ކުރުމަށް] އެދިފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޖޭއެސްސީއަށް އާއްމުންގެ ފަރާތުން މެންބަރަކު ކަނޑައެޅުމަށް ޖުލައި މަހު އިއުލާން ކުރިއިރު އެ ދުވަހުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ
ކުރިއާ ހިލާފަށް ޖޭއެސްސީގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދެވޭތޯ ބަލަނީ، ކުރިއަށްވުރެ ގިނައިން، ކުރިއަށްވުރެ ފުންކޮށް، ފުޅާކޮށް ކަމަށެވެ.
އެހެންކަމުން ޖޭއެސްސީގެ މަސައްކަތްތަކުގެ ހަލުވިކަމަށް ބަލައި، ކުރަންހުރި މަސައްކަތުގެ ބޮޑުމިނާއި، ގިނަކަމާއި، މުހިއްމުކަމުގެ މައްޗަށް ބަލައި، އެ ކޮމިޝަނަށް ޝަތުރު ހަމަވާ، ވީހާވެސް ގިނަ ބޭފުޅުންގެ ތެރެއިން ކޮމިޝަންގެ މެންބަރުކަމަށް، ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފުރުސަތު ދެއްވުމަށް ރައްޔިތުންގެ ޝައުގުވެރިކަން ބެހެއްޓުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކަމަށް ފުރުސަތު ދެއްވުމަށްޓަކައި ރައްޔިތުން އެކަމަށް ޝައުގުވެރިކަން ބަހައްޓައި ވީހާވެސް ގިނަ ބައެއްގެ ކައިރީގައި ކޮމިޝަނަށް ކުރިމަތިލުމުގެ ވާހަކަ ދައްގައި ގާބިލް ބޭފުޅުންލައްވައި ކޮމިޝަނަށް ކުރިމަތި ލެއްވުމަށް މަސައްކަތްކޮށްދެއްވުމަކީ މުހިއްމުކަމެއް ކަމަށެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް