އެންއައިސީގެ މެންބަރުކަމަށް ޝުއައިބުގެ ނަން ފޮނުވައިފި

ހުސްވެފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު ޝުއައިބު އަބްދުއްރަހުމާންގެ ނަމާ އެކު...

03 Oct 2019 | 07:57

ހުސްވެފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު ޝުއައިބު އަބްދުއްރަހުމާންގެ ނަމާ އެކު ހަތަރު ނަމެއް ރައީސް މަޖިލީހަށް ފޮނުއްވައިފި އެވެ.

އެ ހަތަރު ބޭފުޅުންގެ ނަން މިއަދު މަޖިލީހަށް އިއްވައި އެ ނަންތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ވަނީ ފޮނުވައިފި އެވެ.

އެންއައިސީއަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަރުހާދު ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގެންފައެވެ.

މަޖިލީހަށް ރައީސް ސޯލިހު ފޮނުއްވި ނަންތަކުގެ ތަރުތީބަށް ބަލާއިރު އެންމެ ކުރީގައި ވަނީ ޝުއައިބުގެ ނަމެވެ. ޝުއައިބަކީ އާއްމުންގެ ތެރެއިން ޖޭއެސްސީއަށް މީގެކުރިން އިންތިހާބު ކުރައްވާފައިވާ ބޭފުޅާއެވެ.

ރައީސް އިސްކަންދެއްވި ބޭފުޅުން:

  • ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ރސ. 1188
  • ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު، ވިލިމާލެ. ދިވެތި
  • ޑރ. މަރުޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ
  • ހައްވާ ލީޝާ، ގ. ތުޑިވެލި

ނޭޝަނަލް އިންޓަގްރިޓީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް