އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރަރުކަމަށް އެކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި އިތުރު ތިން މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.
އީސީ އަށް މެމްބަރަކު އައްޔަނުކުރަން މިއަދު މަޖިލީހަށް ފަސް ފަރާތެއްގެ ނަން ފޮނުއްވާފައި މިވަނީ، އީސީގެ މެމްބަރެއްގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ. އީސީގެ މެންބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ އެވެ.
އެމަގާމަށް މިދިޔަ މަހުގެ ކުރީކޮޅު ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. އެފުރުސަތުގައި ކުރިމަތިލި 10 ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހަށް ފެނިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ނަންތައް މިއަދު އެވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި އެންމެ ފުރަތަމަ ވަނީ ފުއާދު ތައުފީގުގެ ނަމެވެ. ދެވަނަ އަށް އޮތީ ދައުރު ހަމަވާ އެކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސަތަފާގެ ނަމެވެ. ތިންވަނަ އަށް ހަސަން ނާޒިމްގެ ނަން އޮތްއިރު، ހަތަރުވަނަ އަށް އޮތީ އީސީގެ ލޯޔަރެއްގެ ގޮތުގައި މީގެކުރިން މަސައްކަތް ކުރެއްވި ހަނީފާ ހާލިދުގެ ނަމެވެ.
އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އީސީގެ މެންބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެންމެ މެމްބަރެއް ކަމަށްވާތީ، އެބޭފުޅުންނާ އިންޓަވިއުކޮށް އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅެއް ނަގާނީ މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ލިބޭ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް