ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓް ދަށުވެ ހިނގި އެކްސިޑެންޓެއްގައި ބިދޭސީ ފިރިހެނަކު ނިޔާވެއްޖެ އެވެ.
25 އަހަރުގެ މި ބިދޭސީ މީހާ އަކީ ނ. އަތޮޅުގައި ތަރައްގީކުރަމުންދާ ދިގުރަށް ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާ އަކީ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އިއްޔެ 18:20 ހާއިރު ހިނގި މި އެކްސިޑެންޓްގައި ބިދޭސީ މީހާ އަށް ބޮޑެތި އަނިޔާތަކެއް ލިބުމުގެ ސަބަބުން ނ.މަނަދޫ ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ. ނަމަވެސް ފުލުހުން ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ ނިޔާވެފައި ކަމަށް އެރަށު ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް