ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އިފްތިތާހްކޮށްފި

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ފަސް އަހަރުގައި ވަޢުދުތައް ހާސިލު ކުރާނެ ގޮތުގެ ތަފްސީލާއި ވަގުތު ތާވަލުކޮށް، އެއްކަރުދާސްކުރުމަށްފަހު ރޭ އިފްތިތާހް ކުރައްވައިފިއެވެ. ރޭ ދަރުބާރުގޭގައި ބޭއްވި ޚާ...

03 Oct 2019 | 04:23

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ފަސް އަހަރުގައި ވަޢުދުތައް ހާސިލު ކުރާނެ ގޮތުގެ ތަފްސީލާއި ވަގުތު ތާވަލުކޮށް، އެއްކަރުދާސްކުރުމަށްފަހު ރޭ އިފްތިތާހް ކުރައްވައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ.) އިފްތިތާހުކޮށްދެއްވީ ރައީސް ސޯލިހެވެ.

މި ޕްލޭނަކީ 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް މިސަރުކާރުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލެވިގެންވާ ޕްލޭންއެކެވެ. މި ޕްލޭން އެކުލަވާލާފައި ވަނީ  ސަރުކާރު ކޯލިޝަނުން ނެރުނު ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ ކަންކަން މި ފަސް އަހަރު ތެރޭގައި ކުރާނެ ގޮތުގެ ތަފްސީލްތައް ހިމަނައިގެންނެވެ.

މި ޕްލޭންގެ ދަށުން ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ ނޫ އިޤްތިޞާދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮ ވެރިކަމެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ޕްލޭނަކީ ސަރުކާރުގެ ވައުދުތަކާއި އެ ވައުދުތައް ހާސިލުކޮށްދިނުމުގެ މަސައްކަތާއި، އެ މަސައްކަތްތަކުގެ ނަތީޖާ ރައްޔިތުންނަށް ގާތުން ފެންނާނެ ގޮތުގެ މަގުޗާޓެއް ކަމަށާއި، މި ޕްލޭންގެ އަނެއް މަޤްސަދަކީ، ފުދުންތެރި ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް ބޭނުންވާނެ ނޫ އިޤްތިޞާދެއް ބިނާކޮށް، ތަނަވަސް ޖަޒީރާ ދިރިއުޅުމަކަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުން ކަމަށެވެ.

މި ޕްލޭނަކީ 33 ދާއިރާއެއްގެ މައްޗަށް އެކުލެވިގެންވާ ޕްލޭނެކެވެ. މިއީ، އެކި ދާއިރާތަކާގުޅޭ ތަޖުރިބާކާރު އިސް ހަރަކާތްތެރިންގެ މަޝްވަރާއާއި އެ ފަރާތްތަކުގެ އެއްބާރުލުމާއިއެކު ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް