އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ޒަހަމްވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ "ޗެކްމާކް" ފިހާރަ ކުރިމަތިން ކަމަށް އައްޑޫ ނޫހެއް ކަމުގައިވާ "އައްޑޫ ލައިވް" ގައި ބުނެފައި ވެ އެވެ.
އެ ނޫހުގައި ބުނެފައިވަނީ އެކްސިޑެންޓްވި ދެ ސައިކަލްގައި އެވަގުތު ތިބި ހަތަރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށެވެ.
މަންޒަރު ދުށް މީހަކު އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުމަގުން ދިޔަ ސައިކަލެއް ގޯޅި އަޅަން އުޅެނިކޮށް ފަހަތުން އައި އެހެން ސައިކަލަކުން ޖެހިގެން ކަމަށެވެ.
"އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުމަގުން އީސީސީ އާއި ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް ގޯޅި އަޅަން އުޅެނިކޮށް ފަހަތުން އައި ސައިކަލުން ޖެހިގެން." މަންޒަރު ދުށް މީހަކު އެ ނޫހަށް ބުނެފައި ވެ އެވެ.
އެ ނޫހުގައި ބުނެފައިވަނީ ގޯޅި އަޅަން އުޅުނު ސައިކަލުގައި ތިބި ދެ އަންހެނުންގެ ތެރެއިން ސައިކަލް ދުއްވަން އިން އަންހެނާގެ ބޯ ފަޅައިގެން ގޮސް މޫނަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނާ ކަމަށާއި ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު އެ ނޫހަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ބަޔަކަށް ފަރުވާދެމުން އަންނަ ކަމަށާއި އެންމެންގެ ހާލު ވެސް މިވަގުތަށް ސްޓޭބަލް ކަމަށެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އަނިޔާވި އަންހެނެއްގެ ބޯފަޅައިގެން ގޮސް މޫނަށް ވެސް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލް ވެސް ވަނީ ބުނެފައި ކަމަށާއި އެކްސިޑެންޓްގައި ދެން އަނިޔާވި ތިން މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް