ގަސް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ޓްރިވެންޑްރަމް ކޮންސިއުލޭޓް
ރާއްޖޭގެ "ފަސް މިލިއަން ގަސް" މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ ކެރެލާ ސްޓޭޓުން ހައިވަކަރު ގަހާއި އަނބު ގަސް ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.
ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމް އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވީ ކެރެލާގެ ފޮރެސްޓް މިނިސްޓަރު ޝިބޫ ބޭބީ ޖޯން އެވެ. ގޮފިކޮޅުތަކާ ޙަވާލުވީ ރާއްޖޭގެ ކޮންސުލް ޖެނެރަލް އާމިނަތު ޝިފާނާއެވެ.
މި ރަސްމިއްޔާތުގައި ސޯޝަލް ފޮރެސްޓްރީ ޑިޕާޓްމެންޓުގެ އެޑިޝަނަލް ޕްރިންސިޕަލް ޗީފް ކޮންޒަވޭޓާ ޕްރަމޯދް ޖީ ކްރިޝްނަން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޝިބޫ ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ވަރުގަދަކޮށްދޭ މި ފަދަ މަސައްކަތެއްގައި ކެރެލާ ބައިވެރިވުމަކީ ފަޚުރެއް ކަމަށެވެ. ކޮންސުލް ޖެނެރަލް ޝިފާނާ ވިދާޅުވީ މި ހަދިޔާ ލިބިގަތުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ.
ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމާއި ރާއްޖޭގެ އައްސޭރިފަށުގެ ދިފާޢީ ޤާބިލުކަން ވަރުގަދަކުރުމަކީ މި މަސައްކަތުގެ އެއް ބޭނުންކަމަށް ކެރެލާ ސްޓޭޓުން ބުނެފައިވެއެވެ. މި ޕްރޮގްރާމުގެ ދަށުން 600 އަނބު ގޮފިކޮޅާއި 600 ހައިވަކަރު ގަހުގެ ގޮފިކޮޅު ހަދިޔާކޮށްފައިވެއެވެ.
އަނބު ގޮފިކޮޅުތައް ހޯދީ ކެރެލާގެ ވެއްލާޔަނީގައި ހުންނަ ކޮލެޖް އޮފް އެގްރިކަލްޗާއިންނެވެ. ހައިވަކަރު ގަހުގެ ގޮފިކޮޅުތައް ނެގީ ކުލަތުޕުޒާގައި ހުންނަ ސެންޓްރަލް ނާސަރީންނެވެ. އެ ހުރިހާ ގޮފިކޮޅެއް ޕެކުކޮށް ތައްޔާރުކުރީ ޕުޖުއްޕުރާގެ ޑިސްޓްރިކްޓް ޕާމަނެންޓް ނާސަރީން ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ 2025 ވަނަ އަހަރުގެ ޖުލައި 25 ގައި ރާއްޖެއަށް ކުރި ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް ގަސް ފޮނުވުމުގައި އެހީވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް