ސީއެސްސީގެ ރައީސް މުހުސިން -- ފޮޓޯ: ސީއެސްސީ
މުވައްޒަފުން ހޯދުމުގައި ދަތިތައް ކުރިމަތިވާ އާބާދީ މަދު ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އިދާރީ މަގާމުތަކަށް ހަމަ އެ އަތޮޅުގެ އެހެން ރަށެއްގައި ދިރިއުޅޭ މީހަކު އެ މީހެއްގެ ރަށުގެ ކައުންސިލަށް ހާޒިރުވެގެން ވަޒީފާ އަދާކުރެވޭނެ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އުސޫލެއް ގެޒެޓުކޮށްފިއެވެ.
މިދިޔަ މަހުގެ 24 ގައި ސީއެސްސީން ނެރުނު މި އުސޫލުގެ ނަމަކީ "އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި ވަޒީފާތަކަށް މީހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ. މި އުސޫލުގެ ދަށުން މީހުން ނެގެނީ ކައުންސިލް އޮނިގަނޑުގައި ހިމެނޭ އިދާރީ ވަޒީފާތަކަށް އެކަންޏެވެ.
އެ އުސޫލު ބުނާ ގޮތުން ވަޒީފާއަށް ހުޅުވައިލާ އިއުލާން ކުރާނީ އެ އަތޮޅެއްގެ ކޮންމެ ރަށެއްގެ މީހަކަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. ޝަރުތަކީ ވަޒީފާއަށް ހޮވޭ މީހާ ދިރިއުޅެނީ ހަމަ އެ އަތޮޅެއްގައި ކަމަށް ވުމެވެ. ވަޒީފާ ހަމަޖެހޭ ފަރާތެއް ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާއަށް ނުކުމެ މަސައްކަތް ކުރެވޭނެ މަގު ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ވަޒީފާ ދިނުމުގެ ކުރިން ވެސް އެ އިންތިޒާމް ހަމަޖެހިފައި އޮތްކަން ޔަގީންކުރުމަށް އެ އުސޫލުން ލާޒިމުކޮށްފައިވެއެވެ.
މި ގޮތަށް ނެގޭ މުވައްޒަފެއްގެ މަސައްކަތް ބެލެހެއްޓުމާއި މޮނިޓާ ކުރުމުގެ ޒިންމާ ހަވާލުވާނީ އެ މުވައްޒަފު ހާޒިރުވާ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި ފަރާތާ ކަމަށް ސީއެސްސީން ކަނޑައަޅާފައިވެއެވެ. ނަމަވެސް މުސާރަ ދިނުމުގެ ޒިންމާ އޮތީ އެ މުވައްޒަފެއްގެ ވަޒީފާ ނިސްބަތްވާ ކައުންސިލް އިދާރާއަށެވެ.
މި އުސޫލާ އެކު އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް އިދާރީ މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް