ޑރ. އަހުމަދު ރިޔާޒު -- ފޮޓޯ: މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ޑރ. އަހުމަދު ރިޔާޒު އައްޔަނުކޮށްފިއެވެ.
އެ ބިއުރޯއިން މިއަދު ބުނީ ޑރ. ރިޔާޒް އެމަގާމަށް މިދިޔަ މަހުގެ 23 ގައި އައްޔަން ކޮށްފައިވާ ކަމަށެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމު އަދާ ކުރެއްވި އައިޝަތު ހަސަންގެ ދައުރު ހަމަވުމުންނެވެ.
އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. ރިޔާޒަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) ގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ހިސާބު ޓީޗަރެއްގެ ގޮތުގައި ވެސް ޚިދުމަތް ކުރައްވާފައިވެއެވެ.
އެ ބިއުރޯއަކީ ފިނޭންސް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ހިންގާ އިދާރާއެކެވެ. ފަސް އަހަރުގެ މުއްދަތަށް އައްޔަން ކުރާ އެ މަގާމަށް ރައީސް ބޭފުޅަކު ހަމަޖައްސަވަނީ ފިނޭންސް މިނިސްޓަރުގެ ލަފާފުޅާއި އެކު އެވެ.
ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުން އިންތިޚާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރާ ފަރާތަކަށް މި މަގާމު ދެވިގެން ނުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް