ފޯނުން ދިން މައުލޫމާތަކާއި ގުޅިގެން ތަހުގީގު ކުރުމަށް ސްޓެލްކޯ މުވައްޒަފަކު މަސައްކަތުން އެކަހެރިކޮށްފި

ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ސްޓެލްކޯއަށް ގުޅައި ހޯދި މައުލޫމާތެއް ހާމަ ކުރުމުން އެ ފޯނު ކޯލާއި ގުޅިގެން ކަންކަން ހިނގާފައިވާގޮތް ތަހުގީގުކޮށް ބެލުމަށް ތުހުމަތު ކުރެވޭ މުވައްޒަފު ވަޒީފާގެ ...

03 Sep 2026 | 08:42
ސްޓެލްކޯ ހެޑް އޮފީސް --

ސްޓެލްކޯ ހެޑް އޮފީސް --

ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ސްޓެލްކޯއަށް ގުޅައި ހޯދި މައުލޫމާތެއް ހާމަ ކުރުމުން އެ ފޯނު ކޯލާއި ގުޅިގެން ކަންކަން ހިނގާފައިވާގޮތް ތަހުގީގުކޮށް ބެލުމަށް ތުހުމަތު ކުރެވޭ މުވައްޒަފު ވަޒީފާގެ މަސައްކަތުން އެކަހެރި ކޮށްފި އެވެ.

ސްޓެލްކޯއިން މިއަދު ސޯޝަލް މީޑިއާގައި ބުނީ އެ ފޯނު ކޯލު ކުރީ އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމެންޓަށް ކަމަށެވެ. އެހެންވެ އެ މައްސަލަ ބެލުމަށްފަހު ކުންފުނީގެ ޤަވާޢިދުގެ ދަށުން އަޅަންޖެހޭ އިސްލާޙީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ސްޓެލްކޯގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތެއް ދެމިތިބުން ކަމަށެވެ.

ސްޓެލްކޯއަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ޤައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާ ކަމަށް ބުނެފައިވެ އެވެ. ސްޓެލްކޯގެ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދި މައިގަނޑު ފޯކަސްއަކީ ވެސް، 24 ގަޑިއިރު މެދުކެނޑުމެއްނެތި، އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމަށްވެސް ބުނެފައިވެ އެވެ.

އެ ކުންފުނީގެ އަގުހުރި ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރެވެމުންދާނީ މި ދެންނެވި ޤައުމީ އަދި އިޖުތިމާޢީ ވާޖިބުތައް އަދާކުރުމުގައި ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖެ ޓީވީން ބުނީ އެ ކުންފުނިން ސްޓެލްކޯއަށް ގުޅީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެރިކަން ކުރާ ޕާޓީއަށް ވައްދަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ޔަގީން ކުރުމަށެވެ. އަދި ސޮއި ކުރިކަން ޔަގީންކޮށްދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެސެޖުގެ ސްކްރީން ޝޮޓު ވަކި ނަމްބަރަކަށް ނުވަތަ ޕޯޓަލް އަކަށް ފޮނުވުމަށް ކުންފުނިތަކުގެ އެޗްއާރުން އަންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ޔަގީން ކުރުމަށް ކަމަށެވެ.

އެ ޗެނަލުން ބުނީ އެއީ ހިނގަމުންދާ ކަމެއްކަން ކުރި ފޯނު ކޯލުން ޔަގީން ކުރެވުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް