ހަމްދޫން އެފްޑީސީން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވަނީ -- ފޮޓޯ: އެފްޑީސީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބިނާކޮށްފައިވާ ޓަވަރުތަކުގެ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން މިހެން ވިދާޅުވީ ފޭސް ދޭއްގެ ފްލެޓުތަކުގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތަކާއި ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ "އަމާން އުދަރެސް" އާއި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަނެ އެ ތަންތަނުގައި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް އެ ތަންތަނަށް ފުރަތަމަ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ރާވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. ހުރިހާ ޔުނިޓެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް އެޅިގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
މިދިޔަ ހަފުތާގައި ފޭސް ދޭއްގައި ހިތާމަވެރި ދެ ހާދިސާއެއް ހިނގާފައިވެ އެވެ. އެއް ހާދިސާގައި ކުއްޖަކު ވެއްޓުނު އަނެއް ހާދިސާގައި ކުއްޖަކު ވަނީ ނިޔާވެފައި އެވެ.
މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެސިޑެންޝަލް ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެންގުމަށް އިއްޔެ މާލެ ސިޓީ ކައުންސިލުން ވެސް ފާސްކޮށްފައިވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުސް އިމާރާތްތައް ގިނަވެ ހަލުވިކަމާ އެކު އާބާދީ ބޮޑުވަމުންދާ ވަރަކަށް މިފަދަ ކަންބޮޑުވުންތައް ވެސް ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް