އެމެރިކާގެ މިސައިލް ހަމަލާއެއް އީރާނުގެ ކައިވެނި ޙަފުލާއަކަށް އަރައި، ހަތަރު މީހުން މަރުވެއްޖެ

އީރާނުގެ ދެކުނުގައި އޮންނަ ކޫހެސްތަކުގެ މަސްވެރިއެއްގެ އަންހެން ދަރިއެއްގެ ކައިވެނި ޙަފުލާ ކުރިއަށް ގެންދަނިކޮށް އެ ގެއަށް އެމެރިކާގެ މިސައިލެއް އަރައި ދެ އަންހެނަކާއި ދެ ކުޑަކުއްޖަކު މަރުވެ 60 އަށް ވ...

03 Sep 2026 | 04:25
ކައިވެނި ހަފްލާ ހިނގަމުންދިޔަ ގެ ހަމަލާގައި ސުންނާފަތިވެފައި --

ކައިވެނި ހަފްލާ ހިނގަމުންދިޔަ ގެ ހަމަލާގައި ސުންނާފަތިވެފައި --

އީރާނުގެ ދެކުނުގައި އޮންނަ ކޫހެސްތަކުގެ މަސްވެރިއެއްގެ އަންހެން ދަރިއެއްގެ ކައިވެނި ޙަފުލާ ކުރިއަށް ގެންދަނިކޮށް އެ ގެއަށް އެމެރިކާގެ މިސައިލެއް އަރައި ދެ އަންހެނަކާއި ދެ ކުޑަކުއްޖަކު މަރުވެ 60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ހުރުމުޒު ކަނޑުއޮޅީގެ އައްސޭރިފަށުގައި އޮންނަ ކޫހެސްތަކު ބަނދަރެއް ކައިރީ ހުންނަ މަސްވެރިޔާ ޢަލީ މައްލާހީގެ ގެއަށް ހަމަލާ އެރީ އެމެރިކާ ސިފައިން ދެކުނު އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތަކާއި ރާޑަރު ސިސްޓަމްތައް އަމާޒުކޮށް ދެމުން ގެންދިޔަ ބޮމުގެ ހަމަލާތަކުގެ ތެރެއިން ނެވެ.

އީރާންގެ ދައުލަތުގެ ނޫސް އެޖެންސީ އައިއާރުއެންއޭ އާއި ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވީ ދެ އަންހެނަކާއި ހަތަރު އަހަރާއި 16 އަހަރުގެ ދެ ކުއްޖެކެވެ. ޒަޚަމްވި މީހުންގެ ޢަދަދު 68 އަށް އަރާ ކަމަށް ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ.

ބެލޮޗިސްތާން ހިއުމަން ރައިޓްސް ޑޮކިއުމެންޓޭޝަން ނެޓްވޯކުގެ ޑައިރެކްޓަރު މޮއީން އަރްޖޮމަންދް އެސޯސިއޭޓﮉ ޕްރެސް (އޭޕީ) އަށް ބުނީ ކައިވެނި ޙަފުލާ ބާއްވަމުން ދިޔަ ގެއާ ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ހުރި މުވާޞަލާތީ ޓަވަރަކަށް ވެސް ދެ މިސައިލެއް އެރި ކަމަށެވެ. އެ ޖަމާޢަތުން ބުނި ގޮތުގައި 16 އަހަރުގެ ފިރިހެން ކުއްޖާ މަރުވީ ކައިވެނި ޙަފުލާގައި ނޫން ކަމަށާއި ސައިކަލުގައި މުވާޞަލާތީ ޓަވަރު ކައިރިން ދަނިކޮށް ބުރައިގެން ދިޔަ ރޮކެޓުގެ ބައިތަކުން ކަމަށެވެ.

ކައިވެނި ޙަފުލާ އަށް ހަމަލާ އެރި ކަމުގެ ރިޕޯޓުތައް ބަލަމުން ގެންދާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ބުނެފައިވެ އެވެ. ނަމަވެސް ރަސްމީ ތަޙުޤީޤެއް ފެށިތޯ އޭނާ ސާފުކޮށްދީފައެއް ނުވެއެވެ. ހަތިޔާރާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ އާމަމެންޓް ރިސާޗް ސާވިސަސްގެ ޑައިރެކްޓަރު އެންއާރު ޖެންޒެން-ޖޯންސް އޭޕީ އަށް ބުނީ އީރާނުގެ މީޑިއާ އިން ޢާންމުކުރި ހަތިޔާރުގެ ބައިތަކުގެ ފޮޓޯތައް ބެލުމުން އެއީ "އެމެރިކާގެ ވައިގެ މަގުން ފޮނުވާ ގައިޑެޑް ހަތިޔާރެއް" ކަން ދޭހަވާ ކަމަށެވެ.

ފުރަތަމަ ލަފާކުރެވުނީ ސްލޭމް-އީއާރު ކްރޫޒް މިސައިލެއް ކަމަށް ނަމަވެސް އިތުރު ފޮޓޯތައް ތަޙުލީލު ކުރުމަށްފަހު ޖޭއެސްއޯޑަބްލިއު ގައިޑެޑް ބޮމެއް ކަމުގައި ވުން ގާތް ކަމަށް އޭނާ ބުންޏެވެ.

ކޫހެސްތަކު ހިމެނެނީ ހުރުމުޒު ކަނޑުއޮޅީގެ ހީނަރު އައްސޭރިފަށުގައި ހުންނަ ކުދި ރަށްތަކުގެ ތެރޭގައެވެ. އެ ރަށާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ މީނާބުގެ ޕްރައިމަރީ ސްކޫލަކަށް ހަ މަސް ދުވަހުގެ ހަނގުރާމައިގެ ފުރަތަމަ ދުވަހު — ފެބްރުއަރީ 28 ގައި — އެރި ހަމަލާއެއްގައި 100 އަށް ވުރެ ގިނަ ކުޑަކުދިން މަރުވިއެވެ. އެންމެ ފަހުގެ ހަމަލާތަކުގައި އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ހަތަރު މީހަކާއި ބަސީޖު ފޯސް ގެ 10 މީހުން މަރުވެ ޖުމްލަ 108 މީހުން ޒަޚަމްވި ކަމަށް ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް