ނޭޕާލް ފެންބޮޑުވުމަށް ފަހު އިންޑިއާގެ ކޯރަކަށް އާދަޔާ ހިލާފު ސިފައެއްގެ މަސްތަކެއް ޖަމާވާތީ ސަމާލުވާން އަންގައިފި

ނޭޕާލުގައި ފެންބޮޑުވުމާ ގުޅިގެން އިންޑިއާގެ ބިހާރު ސްޓޭޓުގެ ގަންޑަކް ކޯރުގެ ސަރަޙައްދުތަކަށް ބެހިގެން ދާ އެ ސަރަހައްދުގެ މީހުން ނުދަންނަ ބާވަތެއްގެ މަސްތައް ނުކެއުމަށާއި ވިއްކައި ގަނެ ނެހެދުމަށް އެ ސް...

03 Sep 2026 | 03:57
އިންޑިއާގެ ބިހާރުގެ ކޯރަށް ޖަމާވަމުންދާ ވައްތަރެއްގެ މަހެއް --

އިންޑިއާގެ ބިހާރުގެ ކޯރަށް ޖަމާވަމުންދާ ވައްތަރެއްގެ މަހެއް --

ނޭޕާލުގައި ފެންބޮޑުވުމާ ގުޅިގެން އިންޑިއާގެ ބިހާރު ސްޓޭޓުގެ ގަންޑަކް ކޯރުގެ ސަރަޙައްދުތަކަށް ބެހިގެން ދާ އެ ސަރަހައްދުގެ މީހުން ނުދަންނަ ބާވަތެއްގެ މަސްތައް ނުކެއުމަށާއި ވިއްކައި ގަނެ ނެހެދުމަށް އެ ސްޓޭޓުގެ ސަރުކާރުން އަންގައިފިއެވެ.

ބިހާރު ސަރުކާރުގެ ޑެއިރީ ފިޝެރީޒް އެންޑް އެނިމަލް ރިސޯސެސް ޑިޕާޓްމަންޓުގެ ފިޝެރީޒް ޑިވިޝަނުން ނެރުނު ސަމާލުގައި ބުނެފައިވަނީ ނޭޕާލު ފެންބޮޑުވުމުގެ ފެންގަނޑު ގަންޑަކް ކޯރުގެ ނިޒާމަށް ވަދެ ވެސްޓް ޗަމްޕާރަން އާއި ގޯޕާލްގަންޖުގެ ބޮޑެތި ސަރަޙައްދުތަކެއް ޣަރަޤުވެފައިވާ ކަމަށެވެ. ފެންބޮޑުވާ ދުވަސްވަރު ކޯރުތަކާއި ފެންގަނޑުތަކާއި ކުޅިތަކުން މަސް ބެހިގެން ގޮސް ދުރު ހިސާބުތަކަށް ފޯރާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ބެހިގެން ކޯރަށް ޖަމާވެފައިވާ މަސްތަކަށް ނަރުދަމާ ފެނާއި މަރުވެފައިވާ ޖަނަވާރާއި އެ ނޫން ވެސް ތަޣައްޔަރުވެފައިވާ ބާވަތްތަކުގެ އަސަރު ކޮށްފައިވާނެކަމަށް އެ ޑިޕާޓްމަންޓުން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ބެކްޓީރިއާ ވައިރަސް އަދި ފަންގަސް ފެތުރުމުގެ ނުރައްކާ އޮތް ކަމަށް ވެސް ބުނެފައިވެއެވެ.

އެފަދަ މަހެއް ކެއުމަށްފަހު ހޮޑުލެވުން ބޭރަށް ހިންގުން ބަނޑުގައި ރިހުން ބޯ އެނބުރުން ނުވަތަ ނޭވާލާން އުނދަގޫވާ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ބިހާރުގެ ކޯރުތަކުގައި ކުރިން ނޫޅޭ އަލަށް ނޭޕާލުގެ ފެންބޮޑުވުމަށް ފަހު ކޯރުތަކަށް ޖަމާވަމުންދަނީ "ގޫންޗް ކެޓްފިޝް" ގެ ނަމުން މަޝްހޫރު "ބަގާރިއުސް ބަގާރިއުސް" ބާވަތުގެ މަސް ކަމަށް ބެލެވޭ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފައިވެ އެވެ. އެ ސަރަޙައްދުގައި "ގޯޗީޓާ"ގެ ނަމުން ދަންނަ އެ މަހަކީ އިންޑިއާގެ ބައެއް ސަރަހައްދުތަކާއި ނޭޕާލް އަދި ދެކުނު އިރުމަތީ އޭޝިއާގެ ބާރު އޮއިގަދަ ކޯރުތަކުގައި އުޅޭ ބޮޑު ފެންމަހެކެވެ.

ކުދި މަހާއި ކަކުންޏާއި އެ ނޫން ވެސް ފެނުގެ ދިރުންތައް ކައިގެން އުޅޭ މި މަސް ބައެއް ހިސާބުތަކުގައި ކެއުމަށް ބޭނުންކުރިޔަސް މަރުވުމަށް ފަހު ވަރަށް އަވަހަށް ހަލާކުވާ ކަމަށާއި އެ ހާލަތުގައި ކެއުމުން ސިއްޙީ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެއެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން ގޫންޗް ކެޓްފިޝް ވަނީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ގޮތުގައި ލިސްޓުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް