ސިލްސިލާ ވާހަކަ: ޒާރާ - ހަތާވީސްވަނަ ބައި

''އަހަރެން ގެއަށްދާން ބޭނުން....'' ޒާރާގެ އަނގައިން އެ ޖުމްލަ ތަކުރާރުވިއެވެ. އިމްރާން ޒާރާއާ ނުހަނު ގާތަށް ޖެހިލިއެވެ. ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެ މޫނަށް ވަރަށް ލޯބިން ބަލާލިއެވެ. ޒ...

03 Sep 2020 | 09:43

''އަހަރެން ގެއަށްދާން ބޭނުން....'' ޒާރާގެ އަނގައިން އެ ޖުމްލަ ތަކުރާރުވިއެވެ. އިމްރާން ޒާރާއާ ނުހަނު ގާތަށް ޖެހިލިއެވެ. ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެ މޫނަށް ވަރަށް ލޯބިން ބަލާލިއެވެ. ޒާރާއަށް ސިފަވެގެންދިޔައީ އާދިލް އޭނާގެ މޫނުގައި ހިފަހައްޓާލައިގެން އޭނާއާ އެހާ ގާތުގައި ހުރިކަމުގައެވެ. އޭނާގެ މޫނުގައި ހިފަހައްޓާލާފައި ދެ އަތަކީ އާދިލްގެ ދެއަތް ކަމުގައެވެ. ބޭއިޚްތިޔާރުގައި އިމްރާނުގެ އަތުގައި ޒާރާއަށް ހިފަހައްޓާލެވުނެވެ. އެ އަތަށް ފިއްތާ ބާރުކޮށްލެވުނެވެ. ޒާރާގެ ފިނިފިނި ދެއަތުން އިމްރާނުގެއަތުގައި ހިފަހައްޓާލުމަށް ފަހު ދެލޯމަރާލިއެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތްފަދައެވެ. އެ މައުސޫމު މޫނަށް ބަލަންހުރި އިމްރާންގެ ހިތް އަވަސްވާންފެށިއެވެ. ޒާރާ އެދިނީ ސިގްނަލެއްކަމުގައި އިމްރާނަށް ގަބޫލުކުރެވުނެވެ. މަޑުމަޑުން ޒާރާގެ ހަށިގަނޑު ގާތަށް ދަމާލާ، އޭނާގެ ތަނަވަސް މޭގާ ޒާރާގެ ނާޒުކު ހަށިގަނޑު ޖައްސާ ބާރުކޮށްލިއެވެ.

'' އަހަރެން ޒާރާދެކެ އަބަދުވެސް ލޯބިވާނަން....މީ ﷲ އަށްޓަކައި އަހަރެންބުނާތެދު....'' ދެލޯމަރާލަމުން އިމްރާން ޒާރާގެ ނިތްކުރީގައި ބޮސްދިނެވެ. ޒާރާއަށް ތެޅިގަނެވުނެވެ. ގާތުގައި ހުރީ އާދިލް ނޫންކަން ޔަގީންވުމުން ދެއަތް ދަމައިގަނެވުނެވެ. ދެއަތުން އިމްރާން މޭގައިއަޅާ ދުރަށް ކޮއްޕާލެވުނެވެ. ޒާރާގެ މި ހަރަކާތުގެ ސަބަބުން އިމްރާނަށް ލިބުނީ ކުއްލި ސިހުމެކެވެ.

''ކިހިނެއްވީ ޒަރާ.......'' އިމްރާން ބަލަންހުރީ ޒާރާގެ މޫނަށެވެ.

''ގެއަށް ދާން ބޭނުމީ....'' އިމްރާންއާ ހަތަރުކަޅި ހަމަކުރަން ޒާރާ ބޭނުމެއް ނޫންކަހަލައެވެ. އިސްޖަހާލައިގެން އިނދެ ޒާރާ މަޑުމަޑުން ބުނެލިއެވެ.

''ތިހެން ނުހަދާ ޒާރާ....... މަންމަ މެން ވަރަށް ދެރަވާނެ މިރޭ ޒާރާ ގެއަށް ދިޔައިމަ.....ހެނދުނު ގެންގޮސްދީފާނަން....އަހަރެން ބޭނުމެއް ނޫން މަންމަ މެން ދެރަވާވަރުގެ އެއްވެސް ކަމެއް ވިޔަދޭކަށް.....'' އިމްރާން ޒާރާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލިއެވެ. އަދި ޒާރާގެ އުނގުމަތީގައި އޮތް ދެ އަތުގައި އިމްރާން ހިފާލިއެވެ. ޒާރާ ކުއްލިއަކަށް އަތްދަމައިގަތެވެ. އިމްރާންގެ މޫނަށް ބަލާލިއެވެ. އެ ބެލުމުގައި ވަނީ ނަފުރަތުގެ އަސަރުކަން ފުރަތަމަ ފަހަރަށް އިމްރާނަށް އިހްސާސް ކުރެވުނެވެ.

''އެހެންމީހުންވެސް ދެރަވޭ.....އެހެންމީހުންގެވެސް ....'' ޒާރާ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. ބުނަން އުޅުނު ވާހަކަ ހިފަހައްޓާލިއެވެ. ދުލުކުރިއަށް އައިވެސް މެއެވެ. އެހެންނަމަވެސް ބޭރުވިޔަކަ ނުދެއެވެ.

''އެހެންމީހުން ދެރަވެދާނެތީ ވިސްނާއިރު ޒާރާ ދެރަވެދާނެތީ ވިސްނާމީހަކު އެބައުޅޭބާވައެވެ..... ޒާރާ ހިތްދަތި ވެދާނެތީ އެއްވެސްމީހަކު ނުވަސްނަނީ ކީއްވެބާވައެވެ...... އެންމެންގެ އުފަލަށްޓަކައި ޒާރާގެ މުޅި ދިރިއުޅުން ހިތާމައިގެ ތެރެއަށް ގަންބާލާއިރު، އެއްވެސް މީހަކަށް އެކަން އެނގޭ ބާވައެވެ..... ޒާރާގެ ވެސް ހިތެއް އެބައޮތެވެ...... އެހިތުގައިވެސް ލޯބީގެ ވިންދެއް މީގެ އެތައްދުވަހެއްކުރިން ވަނީ ޖަހާފައެވެ. އެ ވިންދު އަދިވެސް ޖަހަމުން އެބަދެއެވެ..... އެ ވިންދުގެ އަޑު އެއްވެސް މީހަކަށް ނީވެނީ ހެއްޔެވެ.....އެހިތުގައިވާ އިހްސާސްތައް އެހެން އެއްވެސް އިންސާނަކު އިހްސާސް ކުރަން ބޭނުން ނުވަނީ ކީއްވެހެއްޔެވެ..... ޒާރާގެ ހިތުގައިވާ ޝަކުވާތައް އަހާނެ އެއްވެސް ކަންފަތެއް ނެތީކީއްވެގެން ހެއްޔެވެ. ޒާރާގެ ލޮލުގައިވާ ރިހުން ދެނެގަންނަން އެނގޭ ހަމަ އެކަކުވެސް ނެތެވެ. ނޫނެކެވެ.... އެންމެންނަށްވެސް ފެންނާނެއެވެ.... އެނގޭކަމަށް ނުހަދަނީއެވެ.......''  ޒާރާ ހިތާހިތުން ޝަކުވާކުރަމުން އިމްރާންގެ މޫނަށް ބަލާލިއެވެ.

''ޒާރާ ދެރަވާވަރު ކަމެއް އަހަރެއް ނުކުރާނަން..... ޕްރޮމިސް....'' އިމްރާން ޒާރާގެ ކަކޫމަތީގައި އަތްބާއްވާލިއެވެ. ޒާރާއަށް އުނދަގޫވާން ފެށިއެވެ. އިމްރާން އޭނާއާ އެހާ ގާތްވާން އެއުޅެނީ އޭނާގެ އެހެންމަގްސަދެއް އޮތީމަކަމުގައި ޒާރާއަށް ގަބޫލު ކުރެވުނެވެ.

''އަތްނުލާ....'' ޒާރާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އިމްރާން ކޮޅަށް ތެދުވިއެވެ. ޒާރާ އަތްނުލަން ބުނިބުނުން ކިތައްމެ ރަނގަޅަކަށްވެސް އިމްރާންއަށް ފަހުމް ކުރެވިއްޖެއެވެ. ޒާރާ ބޭނުންވެގެން ކުރި ކައިވެންޏަކަށް ވީއިރު ..... ޒާރާއަކީ އިމްރާންގެ ހަލާލު އަނބި މީހާކަމަށްވާއިރު...... ޒާރާގެ ހަށިގަނޑުގައި އިމްރާން އަތްލުން މަނާކުރަންވީ ސަބަބަކާ ދޭތެރޭގައި އިމްރާނަށް ވިސްނާލަން މަޖުބޫރުވިއެވެ. އަލަތު ކައިވެނީގެ ރެއަކީ ކޮންމެ އަންހެންކުއަޖަކާއި ފިރިހެންކުއަޖަކަށްވެސް އެމީހުންގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ރެއެވެ. ވީއިރު މިފަދަ އުފާވެރި ރެއެއްގައި އެފަދަ ގޮތަކަށް ޒާރާ ކަންތައް ކުރަންވީ ސަބަބެއް އިމްރާންއަކަށް ނުވިސްނުނެވެ.

''ޒާރާ އަހަރެންދެކެ ލޯބިވޭތަ...؟ ...'' ބޭއިޙްތިޔާރު އިމްރާނަށް އަހާލެވުނެވެ. ޒާރާގެ ހިތް ތެޅިގަތެވެ. ހާސްވާން ފެށިއެވެ. ޖަވާބު ދޭން ކިތައްމެހާވެސް ބޭނުމެވެ.

''ޒާރާ.... އަހަރެންދެކެ ލޯބިވޭތަ...؟'' އިމްރާން ސުވާލު ތަކުރާރު ކޮށްލިއެވެ. ޒާރާ އާ ގާތަށް ޖެހިލަމުންނެވެ. ޒާރާ އެ ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނޫނެވެ. އިމްރާންވެސް އެ ސުވާލު ޒާރާއާ ކުރަންވީ މިވަގުތު ހެއްޔެވެ. އިމްރާން އެ ސުވާލުކުރަން މާލަސްވެއްޖެއޭ ޒާރާގެ ހިތް ބުނަމުން ދިޔައެވެ. ކުރިން އެސުވާލު އެއްވެސް މީހަކުވެސް ޒާރާއާ ނުކުރީ ކީއްވެހެއްޔެވެ.

''އަހަރެން ބޭނުން ޖަވާބެއް.....ޒާރާ.......... ޕްލީސް .......'' އިމްރާން މަޑުމަޑުން ޒާރާގެ އަތުގައި ހިފަހައްޓާލިއެވެ. ޒާރާ އަތް ދަމައިގަންނަން މިފަހަރުވެސް މަސައްކަތް ކުރިއެވެ. އެކަމަކު އިމްރާން ޒާރާއަށްވުރެ މާ ހުޝިޔާރެވެ. ޒާރާގެ އަތް ދަމައިނުގަނެވޭ ވަރަށް އިމްރާން އެއަތުގައި ހިފަހައްޓާލިއެވެ.

''މިއަތުން އަހަރެން ދޫކޮށްލާކަށް ބޭނުމެއްނޫން.... އެކަމަކު ޒާރާ ބޭނުންނަމަ ކޮންމެ ކަމެއްވެސް އަހަންނަށް ވާވަރު ކަމެއްވިއްޔާ ކޮށްދޭނަން... ޒާރާގެ ނުރުހުމުގައި ތި ހަށިގަނޑުގަ އަހަރެން އިނގިލިކުރިވެސް ޖައްސާނުލާނަން.. އަހަރެން މިކުރި ސުވާލުގެ ޖަވާބު ބޭނުން...... އަހަރެން ދެކެލޯބިވޭތަ.....'' އިމްރާނުގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އެ އަޑުގައި ރިހުމެއް އެކުލެވިފައިވާކަމުގައި ޒާރާއަށް އިހްސާސް ކުރެވުނެވެ. ޒާރާ އިމްރާން ތަކުރާރުކޮށް ކުރަމުންދާ ސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނެމުގެ ގޮތުން ބޯހޫރާލިއެވެ. އެ ޖަވާބު އިމްރާނަށް ފުދުނު ކަހަލައެވެ. ބާރަށް ހިފަހައްޓާލާފައިވާ ޒާރާގެ އަތުން އިމްރާންގެ އަތް ދޫވެއްޖެއެވެ. ބޭއިޚްތިޔާރުގައި ދޫކޮށްލެވުނީ ކަމެއް ނުވަތަ ގަސްދުގައި ދޫކޮށްލީކަމެއް ނޭނގެއެވެ.

ޒާރާ އިމްރާންގެ މޫނަށް ބަލާލިއެވެ. އޭނާގެ މޫނުން ކުރިން ފެންނަންހުރި އެއްވެސް އުފާވެރިކަމެއް މިހާރަކު އެމޫނަކުން ނުފެނެއެވެ. އެ ލޮލުގައި ކުރިން ހުރި ވިދުވަރެއް މިހާރަކު ނެތެވެ. އެ ތުންފަތުގައި އަބަދުހެން ފެންނަންހުންނަ ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. އިމްރާން ޒާރާއާ ދިމާލަށް ބަލަންހުރިއިރު އެ ބެލުމުގައި އެތައް ސުވާލަކާ އެތައް ޝަކުވާއެއް އެކުލެވިފައިވާހެން ޒާރާއަށް ހީވިއެވެ.

''ދެން ކީއްވެ ޒާރާ އަހަރެންނާ ކައިވެނި ކުރަން އެއްބަސްވީ.....'' ޒާރާއަށް ފުރަގަސްދެމުން އިމްރާން ސުވާލުކުރިއެވެ. ޒާރާގެ މޫނަށް ބަލަންހުރެ އެ ސުވާލު ކުރުމަށް އިމްރާން ނުކުޅެދިފައިވާ ކަހަލައެވެ.

''އެއްވެސް މީހަކު ބޭނުންނުވާ ކަމެއް އެމީހަކުލައްވާ ގަދަކަމުން ކުރުވުމަކީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫން....... '' އިމްރާން އެބުނި އެއްޗެއް ޒާރާއަކަށް ނުވިސްނުނެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް