ހިލަ ބަރުކޮށްގެން އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރި ބާޖެއް ކ.ހިންމަފުށީ އިރުމަތީފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މިހާދިސާގެ މަޢުލޫމާތު މިއަދު 13:54 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
"މި ހާދިސާ ހިނގަން މެދުވެރިވީ ބާޖު ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅި، ޓަގު ބޯޓުގެ އިންޖީނު ހުއްޓިގެންކަމަށް ޓަގު ބޯޓުގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑް އަށް މަޢުލޫމާތުދެއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި މި ބާޖު ފުންކުރުމުގެ މަސައްކަތުގައި ބާޖުގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް