އެރެއަށްފަހު- ދެވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ބާރަށް ހިނގާފައި އައި ސަމާހް މަޑުކޮށްލީ ޝައިލާ ބާއްވާފައި އޮތް ޕްރައިވެޓް ކޮޓަރީގެ ދޮރުމަތީއެވެ. ދޮރު ކައިރީ ހުރި ފުލުސް އޮފިސަރުގެ މޫނަށް ބަލައިލުމަށްފަހު ސަމާހް ކުޑަކޮށް ބޯ ޖަހ...

03 Sep 2019 | 04:07

ކުރީގެ އަދަދާ ގުޅޭ...

ބާރަށް ހިނގާފައި އައި ސަމާހް މަޑުކޮށްލީ ޝައިލާ ބާއްވާފައި އޮތް ޕްރައިވެޓް ކޮޓަރީގެ ދޮރުމަތީއެވެ. ދޮރު ކައިރީ ހުރި ފުލުސް އޮފިސަރުގެ މޫނަށް ބަލައިލުމަށްފަހު ސަމާހް ކުޑަކޮށް ބޯ ޖަހައިލައި ހިނިތުންވެލިއެވެ. ޝައިލާ ގެއަށް ދޫކޮށްލަންދެން އަބަދުވެސް ފުލުހެއް އެތާ ހުންނާނެ ކަމަށް އެއާއިލާއަށް ފުލުހުން ވަނީ އަންގާފައެވެ.

އެނދުގައި ނިދިފައި އޮތް ޝައިލާގެ މޫނަށް ބަލައިލުމަށްފަހު ސަމާހް ދެލޯ މަރައި ބާރުކޮށްލިއެވެ. ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދޮރުހުޅުވައި އެތެރެއަށް ވަނެވެ. އެވަގުތު ޝައިލާ ކައިރީގައި ގޮޑިއެއް ބަހައްޓައިގެން ޝަހުމާ އޮތީ ބޯ ޖަހައިގެންނެވެ. ކައިރިވެލުމަށްފަހު މަންމަގެ ބޮލުގައި ސަމާހް ފިރުމައިލިއެވެ. އެވަގުތު މީހެއްގެ ހިލަންވެގެން ޝަހުމާ ބޯހިއްލައިލިއެވެ. އެ ކޮޓަރީގައި ހުރި ސޯފާގައި ޔާސިރު އޮތީ ނިދާފައެވެ.

"މަންމަ ދާންވީނު ފެންވަރާލައިގެން އަރާމްކޮށްލަން؟ ޝައިއްތަ ބުނީ އިރުކޮޅަކުން އަންނާނަމޯ... ދެމީހުން މަޑުކޮށްލާނަން" ސަމާހް އެހެން ބުނެލީ ވަރަށް މަޑުންނެވެ.

"އާނ... މިރޭ މިތާ މަންމަ މަޑުކުރާނަން" ސަމާހްގެ އަތުގައި ހިފައިލުމަށްފަހު ރުންކުރު ގޮތަކަށް ޝަހުމާ ބުނެލިއެވެ. މަންމަގެ ރަތްވެފައިވާ ދެ ލޯ ފެނުމުން ސަމާހްގެ ހިތް ފަޅައިގެން ދިޔައެވެ. ފާޅުގައި މަންމަ އެފަދަގޮތަކަށް ރޮއި ހަދަނިކޮށް މިފެނުނީ އަދި އަލަށެވެ.

"މަންމަ އަރާމްކޮށްލަން މަޑުކޮށްލަބަލަ... މަންމަ ތިހެންއުޅެންޏާ ބަލިވެދާނެ" ސަމާހް ބުނެލިއެވެ. ނަމަވެސް ޝަހުމާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އެހެންކަމުން މަންމަ ހިތްހަމަޖައްސައިލުމުގެ ގޮތުން ސަމާހް ބޯ ޖަހައިލިއެވެ. އަދި ސޯފާގައި ނިދިފައި އޮތް ޔާސިރަށް ވެސް ގޮވައި ހޭލައްވައިލިއެވެ.

ނިކުމެގެން ދަމުން ޝަހުމާ ދިޔައީ އަދި އެއްފަހަރު ދަރިފުޅުގެ މޫނަށް ބަލައިލައިފައެވެ. އެވަގުތުވެސް ޝަހުމާގެ ދެލޯ ހުރީ ކަރުނުން ފުރިފައެވެ. ފަޅައިގެން ދާން ކައިރިވުމުން ޔާސިރު އަވަހަށް ޝަހުމާ ގޮވައިގެން އެތަނުން ނިކުތެވެ.

މަންމަ އާއި ބައްޕަ ނިކުމެގެން ދިއުމުން ސަމާހް ގޮނޑީގައި އިށީނުމަށްފަހު ޝައިލާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އެވަގުތު ސިފަވަމުން ދިޔައީ އެ މޫނުމަތީގެ ހިނިތުންވުމެވެ. ޝައިލާ އަކީ އެއާއިލާގެ އުފާވެރިކަމެވެ. ހަމަޖެހުމެވެ. ޔާސިރު އާއި ޝަހުމާގެ ދެލޮލުގެ ނޫރެވެ.

ސަމާހަށް އެވަގުތު ވިސްނެމުން ދިޔައީ ދެމީހުން އެކީގައި ހޭދަކުރި ވަގުތުތަކާއި، މަޖާ ދުވަސްތަކާއި، ކޮއްކޮ އާއި ދެމީހުން އަބަދުމެ ކޮންމެވެސް ކަމަކާ އޮޅުލާކަމެވެ. އެ އުފާވެރިކަން ނެތިމިދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

އުމުރުން ފަންސަވީސް އަހަރުވެފައިވާ ސަމާހަށް ކޮއްކޮއެއް ލިބުނީ އޭނާގެ އުމުރުން ހަތަރު އަހަރުގައެވެ. އެދުވަހުން ފެށިގެން އެ ކޮއްކޮ އަކީ ސަމާހްގެ ހަށިގަނޑުގެ އެއްބަޔަށް ވަނީ ވެފައެވެ.

ޝައިލާ އާއި ސަމާހް އަކީ އަބަދުމެ ކޮންމެވެސް ކަމަކާ ހިފަހިފާ ތިބޭ ދެބެއިންނެވެ. އެގޭތެރެއިން އަބަދުވެސް އިވޭނީ މަންމައަށް ނުވަތަ ބައްޕަ އަށް ގޮވާ އަޑެވެ. ޝަހުމާ ހުންނާނީ ބޮލަށް އަތް ނަގައިގެންނެވެ. ދެ ދަރިން ބޮޑުވެ ތަސައްރަފު ފުދުނު ނަމަވެސް، ދެ ދަރިން އެއްގަލަކަށް ނާރައެވެ. އަބަދުވެސް ކޮންމެވެސް ކަމަކާ ދެމީހުން ތިބޭނީ ދެބަސްވެ ޒުވާބުކުރާށެވެ.

މިހުރިހާ ކަމެއް އެއްފަރާތުގައިވީއިރު ދެމީހުންނަކީ އެކަކު އަނެކަކަށް މަރުދޭ ދެމީހުންނެވެ. ސަމާހް އަދި ހާއްސަކޮށް ކޮއްކޮ ދެކެ އިންތިހާޔަށް ލޯބިވެއެވެ. ކޮށްދެވެން އޮތް ކޮންމެ ކަމެއްވެސް ޝައިލާއަށް ކޮށްދޭނެއެވެ. މައިންބަފައިންނަށް ވަގަށް އެތައް ސަކަރާތެއް ޖަހާއިރު، ދެމީހުން އެކަކު އަނެއްކަކު ދެކެވާ ލޯތްބަކީ ހިތުގެ އެންމެ ފުންމިނުން މީހަކު ދެކެ ވެވޭނެ ލޯތްބެކެވެ.

މީގެ ދެތިން ދުވަސް ކުރިން ޝައިލާ އާއި ސަމާހް ޒުވާބުކުރީ، ސަމާހްގެ ޓީޝާޓެއް ޝައިލާ ލައިގެން އުޅުނު މައްސަލައެއްގައެވެ. ސަމާހް ކައިރިއަށް ރުޅި އައިސްގެން ޝައިލާގެ ހެދުމެއް ވީދައިލިއެވެ. އެކަމާ ރުޅި އައިސްގެން ސަމާހްގެ އަލަމާރީގައި ހުރި ހުރިހާ ގަމީހަކާއި ޓީޝާޓުތަކެއް ޝައިލާ މުށިތައް މައްޗަށް އުކައިލިއެވެ. ޝަހުމާ އެދުވަހުވެސް ހުރީ ބޮލުގައި ރިއްސައިގަނެފައެވެ. ފިރިމީހާ ރަށުގައި ނެތުމުން ދެމީހުން މަތަކުރާނެ ގޮތެއްވެސް ނޭންގުނެވެ.

އެދުވަސް މަތިން ހަނދާންވުމުން ކަރުނައިގެ ތެރެއިން ސަމާހަށް ހެވުނެވެ. އަދި އެނދުގައި ލޯ މަރައިގެން އޮތް ކޮއްކޮގެ މޫނަށް ބަލައިލެވުނެވެ.

"ޝައި ކީއްވެތަ ޝައިއަށް މިހެން މިވީ؟" ޝައިލާގެ އަތުގައި ހިފައިލަމުން ސަމާހް ބުނެލިއެވެ. އެވަގުތު ސަމާހްގެ ލޮލުން ކަރުނަތައް ފައްޗަކަށް އޮހެން ފެށިއެވެ. އޭނާއަށް ގިސްލެވެން ފެށުމުން އަނގަމަތީގައި އަތް އަޅައި ބާރުކޮށްލެވުނެވެ.

އެވަގުތު ޝައިލާގެ ރައްޓެހި ދެ ކުދިން އެކޮޓަރީގެ ދޮރު ހުޅުވައިލުމުން އަވަސް އަވަހަށް ސަމާހް މޫނު ފުހެލިއެވެ.

"ބޭސް ދިނީމަ ނިދިފަ އޮތީ..." އެމީހުން އެއްޗެއް ބުނުމުގެ ކުރިން ސަމާހް ބުނެލިއެވެ. އެތަނަށް އެވަގުތު އައީ ޝައިލާ އާއި އެއް އޮފީހެއްގައި މަސައްކަތްކުރާ އަޝްރާ އަދި މާނީ އެވެ.

"ޝައި ހޭލީމަ ދެއްޗޭ..." އަތުގައި އޮތް މާބޮޑި ސަމާހްގެ އަތައް ދެމުން މާނީ ބުނެލިއެވެ. އެއީ ޝައިލާ އަށް އެންމެ ކަމުދާ ސަންފްލާވަރ ބޮނޑިއެކެވެ. ދެމީހުން ވެސް ތިބީ ޝައިލާގެ މޫނަށް ބަލަހައްޓައިގެން ހިމޭނުންނުނެވެ.

"ދެން ކޮންއިރަކުން ދޫކޮށްލަނީ؟" ތަނުގެ ހިމޭންކަން ފޫދުއްވައިލީ އަޝްރާގެ ސުވާލުންނެވެ.

"އަދި ނޭންގެ... އަނެއްހެން މާ ބޮޑު ކަމެއް ނުވެޔޭ ޑޮކްޓަރު ބުނީ... ސެކްޝުއަލީ ގެއްލުން ލިބިފަ ހުރީ... ރަގަޅުވާނޭ ބުނީ" އިސްޖަހައިލަމުން ސަމާހް ކުރު ގޮތަކަށް ކިޔައިދިނެވެ.

"އަޝް އާ އެކީއޭ ޝައި ނިކުތީ އޮފީހުން.... ގެއަށް ގޮސް ނޫޑްލްސް ސޫޕެއް ކައްކައިގެން ބޯލާނީ އޭ ކިޔާފަ ހިނގަ...." އަޝްރާ ބުނަން އުޅުނު ޖުމްލަ ކަރުބުޑުގައި ތާށިވި ކަހަލައެވެ. މާނީ ވެސް ހުރީ ފެންކަޅިވެފައެވެ. ސަމާހް ވެސް އިސްޖަހައިގެން އިންގޮތަށް އިނީއެވެ.

އޮފީހުގައި ޝައިލާ އާއި އެންމެ ގާތްވާނީ މާނީ އާއި އަޝްރާ އެވެ. މާނީ އަށްވުރެވެސް އަޝްރާ އަކީ ޝައިލާ އަށް މާ ހާއްސަ އެކުވެރިއެވެ. ކޮންމެ ކަމެއްވިޔަސް އެންމެ ފުރަތަމަ ބުނެވޭނީ އަޝްރާ ކައިރީގައެވެ. އެ ތިންމީހުންނަކީ އަބަދުވެސް އޮފީހުން އެކީ ފެންނަ ތިން މީހުންނެވެ. ޝައިލާ އަށް ދިމާވި ބިރުވެރި އަދި ހިތާމަވެރި ހާދިސާގެ ސަބަބުން އެމީހުން ވެސް ތިބީ ފުން ހިތާމައެއްގައެވެ. ދެރަވެ ރޮވެނީއެވެ. ޝައިލާ އަށް އެހާލު ޖެއްސި ބައެއް އަވަހަށް ހާމަވެގެން ދިއުމަށް އެދެމީހުން ވެސް ތިބީ ދުޢާ ކޮށްލަކޮށްލައެވެ.

"ޝީ ޑޯންޓް ޑިޒަރވް ދިސް" ޝާއިލާގެ މޫނަށް ބަލަންހުރެ މާނީ ބުނެލީ އަޝްރާ އަށް އެކަނި އިވޭވަރަށެވެ. ކަރުނަތަކުގެ ތެރެއިން ފުސްކޮށް ޝައިލާގެ މޫނު ފެންނަމުން ދިޔައެވެ. ކެތްނުކުރެވިގެން މާނީ އެތަނުން ނިކުތެވެ.

"މާސްޓާސް ޑިގްރީއަށް އެޕްލައިކުރަން ފޯމު ޕްރިންޓްކޮށްފަ މާދަން އައިސް އެޕްލައިކޮށްލާނީ އޭ ކިޔާފަ ނިކުތީ..." އަނެއްކާވެސް އަޝްރާ ބުނެލިއެވެ. އޭނާ އަށް ސިފަވަމުންދިޔައީ އެންމެ ފަހުވަގުތު ޝައިލާ ކުރި ކަންތަކާއި ދެއްކި ވާހަކަތަކެވެ. އެބިރުވެރި ހާދިސާގެ ކުރިން ޝައިލާ އެންމެފަހުން އުޅުނީ އޭނާ އާއި އެކީއެވެ. އޭނާ ވަނީ ފުލުހުންނަށް ސްޓޭޓްމެންޓް ވެސް ދީފައެވެ. އެވަގުތުތަކުގައި މުޅިންވެސް ޝައިލާ ދައްކާފައި ވަނީ ދެން ކުރަންހުރި ކަންތައްތަކުގެ ވާހަކައެވެ. އުންމީދުން ފުރިގެންވި ހިތަކާއި އެކީ ޝައިލާ ގެއަށް ދިއުމަށް ހިނގައިގަތީ އޭނާގެ ޗާލު ހިނިތުންވުން އަޝްރާ އަށް ހަދިޔާކޮށްލުމަށްފަހުއެވެ. އެހިނިތުންވުން ހުރީ ކިތައް މިނެޓު ކަމެއްވެސް ނޭންގެއެވެ. އެމީހުން ޝައިލާ އަށް ހެދީ ކިހިނެއްތޯ އޭނާގެ ހިތައް އަރަމުންދިޔައެވެ. ސަލާމަތްވުމަށް ޝައިލާ ތެޅޭނެވަރު ހިތައް ތަޞައްވަރުކޮށްލެވުނެވެ.

"އަޝް އޯކޭތަ؟" އަޝްރާ އަށް ސިހުމެއް ލިބުނީ ސަމާހް ގޮވައިލުމުންނެވެ. އޭރު އޭނާއަށް ގިސްލެވެމުންދިޔައެވެ. މުޅި މޫނުމަތީގައި ވަނީ ކަރުނައެވެ. ސަމާހަށް ބަލައިލެވުނީ އަޝްރާ މާވަރަކަށް ގިސްލާން ފެށުމުންނެވެ.

"ދަނީ... ޝައި ހޭލިމަ ބުނައްޗޭ އައި ވާހަކަ... މާދަން އަންނާނަން" އަޝްރާ އަވަހަށް އެތަނުން ދާން ހިނގައިގަތެވެ.

އަޝްރާ ނިކުމެގެން ދިޔަތާ މާގިނަ އިރެއްނުވެ ޝާއިރާ އެތަނަށް އައިސް ހުއްޓުނެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް