ސައޫދީގައި ފިރިހެން ކުދިންގެ ޓީޗަރުކަން ފުރަތަމަ ފަހަރަށް އަންހެން ޓީޗަރުންނަށް

ސައޫދީ އަރަބިއްޔާގެ ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ފިރިހެން ކުދިންނަށް އުނގަންނައިދިނުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް އަންހެން ޓީޗަރުންނަށް ދޭން އެ ގައުމުން ނިންމައިފިއެވެ. ސައޫދީ އެޑިއުކޭޝަން މިނިސ...

03 Sep 2019 | 02:46

ސައޫދީ އަރަބިއްޔާގެ ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ފިރިހެން ކުދިންނަށް އުނގަންނައިދިނުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް އަންހެން ޓީޗަރުންނަށް ދޭން އެ ގައުމުން ނިންމައިފިއެވެ.

ސައޫދީ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ކުރިއެކޭވެސް އެއްގޮތަށް، ޕްރައިމަރީ ގްރޭޑްތަކުގައިވެސް އަންހެން ކުދިންނާއި ފިރިހެން ކުދިން ކިޔަވާނީ ވަކި ކުލާސް ތަކެކެވެ. ބޭނުން ކުރާނީ ވަކި ފާހާނާތަކެކެވެ. އަދި އެހެން ފެސިލިޓީސްތައްވެސް ހަމަޖައްސާފައިވާނީ ދެ ޖިންސު ވަކިން ބޭނުން ކުރެވޭގޮތަށް ކަމުގައި ބުނެފައިވެއެވެ.

ނަމަވެސް މި އަހަރުގެ ދިރާސީ އަހަރުގެ އައު ޓާމެއް އާދީއްތަ ދުވަހު ފެށި އިރު ކިޔެވުން ފަށާފައިވަނީ ތަފާތަކާއެކުގައެވެ. އެއީ ފިރިހެން ދަރިވަރުންނަށް އުނގަންނައިދިނުމުގައިވެސް އަންހެން ޓީޗަރުން ބޭނުން ކުރުމުގެ ބަދަލެވެ.

ސައޫދީ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި މި ބަދަލު ގެނެސްފައިވަނީ ދިރާސާތަކެއް ކުރުމަށް ފަހުގައެވެ. އެ ދިރާސާތަކުން ދެއްކި ގޮތުގައި އަންހެން ޓީޗަރުން ކިޔަވައިދިނުމުން ދަރިވަރުންގެ ފެންވަރު ރަނގަޅުވާކަމަށް ދައްކާފައިވެއެވެ. އޭގެ އެއް ސަބަބަކީ ބެލެނިވެރިންގެ ގޮތުގައި ގިނައިން ތިބެނީ އަންހެނުން ކަމުގައިވާއިރު ބެލެނިވެރިންނާ ކަންކަން ހިއްސާ ކުރުމުގައި އަންހެން ޓީޗަރުންނަށް ފަސޭހަވުން ކަމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިކަމަކީ މުޖްތަމައުގައި އަންހެނުން ބާރުވެރި ކުރުވުމުގައި ސައުދީން ގެންގުޅޭ ސިޔާސަތާވެސް ގުޅިގެންދާ ފެށުމެއް ކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް