ކެންސަރުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އިންގިލާބީ ޓެކްނޮލޮޖީއަކާއެކު ޓްރީ ޓޮޕްގައި ކެންސަރު އޮޕަރޭޝަނެއް ކޮށްފި

އޮޕަރޭޝަން ކުރަމުންދާ ވަގުތު ކެންސަރު ފެތުރިފައިވާ މިންވަރު ޔަޤީންކޮށްދޭ ފްރޯޒެން ސެކްޝަން ޓެސްޓްއާއެކު އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަނެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނެފައި...

03 Sep 2019 | 02:18

އޮޕަރޭޝަން ކުރަމުންދާ ވަގުތު ކެންސަރު ފެތުރިފައިވާ މިންވަރު ޔަޤީންކޮށްދޭ ފްރޯޒެން ސެކްޝަން ޓެސްޓްއާއެކު އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަނެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި ކެންސަރުގެ ފަރުވާއެއްގެ ފޮތުގައި ކުރާ އޮޕަރޭޝަންތަކުގައި ބަލިފެތުރިފައިވާ ހުރިހާ އޭރިއާއެއް ނެގުމަށްފަހު ކެންސަރުގެ ސެލްތަކުން ހަށިގަނޑަށް ރައްކާތެރިކަން ހޯދައިދިނުމަކީ އޮޕަރޭޝަން ކުރުމުގައި އެންމެ މުޙިއްމު އެއް މަޤްޞަދެވެ. މި ލަނޑުދަނޑި ޙާސިލް ކުރުމަށްޓަކައި ކެންސަރުގެ އޮޕަރޭޝަންތަކުގައި ތަފާތު ވައްތަރުގެ ޓެކްނޮލޮޖީއާއި ލެބޯރެޓޮރީ ޓެސްޓުތަކާއި ޓެކްނީކްތައް ބޭނުން ކުރަމުން ދެއެވެ. ފްރޯޒެން ސެކްޝަނަކީ އޮޕަރޭޝަން ކުރާ ވަގުތު ކެންސަރު ފެތުރިފައިވާ އޭރިއާ ދެނަގަތުމައްޓަކައި އެތަނުން ސާމްޕަލްނަގައި ވަގުތުން ލެބޯޓެރީއަށް ފޮނުވުމުގެ އޭގެ ރިޕޯޓު މަދު މިނަޓުކޮޅެއްގެ ތެރޭގައި އޮޕަރޭޝަން ކުރަމުންދާ ޑޮކްޓަރުންނަށް ފޯރުކޮށްދޭ މުޙިއްމު ޓެސްޓެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކެންސަރު ފެތުރިފައިވާ ހިސާބު ދަނެގަނެވި ކެންސަރުގެ އަސަރު މުޅި އެގުނަވަނުން ކާމިޔާބުކަމާއެކު ފިލުވައިލުމުގެ ފުރުސަތު އޮޕަރޭޝަން ކުރާ ޑޮކްޓަރުންނަށް ފަހިވެގެންދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި 29 އޮގަސްޓް 2019ގައި ކުރެވުނު އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަންގައި ބޭނުންކުރެވުނު ފްރޯޒެން ސެކްޝަން ޓެކްނީކްއަކީ އަދި މިހާތަނަށް ރާއްޖޭގައި މިޓެސްޓު ބޭނުންކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އުރަމަތީގެ އޮޕަރޭޝަންތަކަށް އިސްކަންދިނުމުގައި މަސައްކަތްކުރާ ޖެނެރަލް ސާރޖަން ޑރ. ނީޒާ ހަލީމްއާއި ސީނިއަރ ޖެނެރަލް ސާރޖަން، ޑރ. ޑޮކްޓަރ ޢަބްދުﷲ އުބައިދު އިސްވެ ތިއްބަވައިގެން ކުރެއްވި މިއޮޕަރޭޝަންގައި ބޭނުންކުރި ފްރޯޒެން ސެކްޝަން ޓެސްޓު ހައްދަވައި އޭގެ ނަތީޖާ އޮޕަރޭޝަން ތިއޭޓަރ ތިއްބެވި ޑޮކްޓަރުންނަށް މަދުމިނަޓްކޮޅެއްގެ ތެރޭގައި ފޯރުކޮށްދެއްވީ އެހޮސްޕިޓަލުގެ ޕެތޮލޮޖީ ޑިޕާޓްމަންޓް އިސްކޮށް މަސައްކަތްކުރާ  ޑރ. މީރޯސްލަވް ސްޓާބަކް ކަމަށެވެ.

މިއޮޕަރޭޝަންގައި ބޭނުންކުރި ފްރޯޒެން ސެކްޝަންގެ ބޭނުންތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ނީޒާ ވިދާޅުވީ "އޮޕަރޭޝަންގެ ކުރިން ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާތަކުން މިބަލިމީހާގެ އުރަމަތި ފިޔަވައި އެހެން ގުނަވަންތަކަށް ކެންސަރުގެ އަސަރު ފޯރާފައިވާކަމަށް ނުދައްކާ. އެހެންނަމަވެސް އަޅުގަނޑުމެން އާންމުކޮށް ބަލަނީ އުރަމަތީގައި ކެންސަރު ހުރިނަމަ އެފަރާތުގެ ކިހިލިފަތީގެ ލިމްފް ނޯޑްތަކަށް ކެންސަރުގެ އަސަރު ފޯރާފައި ހުރެދާނެކަމަށް. ވުމާއެކު އޮޕަރޭޝަން ތެރޭގައި މިދެންނެވި ލިމްފްނޯޑްތަކުގައި ކެންސަރު ހުރިތޯބެލުމަށްޓަކައި ފުރަތަމަ ކުރިކަމަކީ ކެންސަރުގެ ދުޅައިގެ ތެރެއަށް ކުލަޖެހޭކަހަލަ މާއްދާއެއްޖެހުމަށްފަހު އެކުލައިގެ އަސަރު ކިހިލިފަތީގެ ނޯޑްތަކާއި ހަމައަށް ދިއުމުން އޭގެ ތެރެއިން ނޯޑެއް ނެގުމަށްފަހު ފްރޯޒެންސެކްޝަން ޓެސްޓު ހެދުމަށްޓަކައި ލެބޯޓެރީއަށް ފޮނުވީ. އެއިރު ލެބޯޓެރީ ހުރީ އެކަމަށް ތައްޔާރުކޮށްފަ. ވުމާއެކު ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އޭގެ ނަތީޖާ ލިބިއްޖެ. އެނޯޑްގައި ކެންސަރުގެ އަސަރު ހުރިކަމަށް ދެއްކީ، ވުމާއެކު އޮޕަރޭޝަންގައި އެފަރާތުގެ ކިހިލިފަތީގެ ހުރިހާ ލިމްފްނޯޑްތައް ނަގައި ސާފުކުރިން. އެ ރިޕޯޓްގެ ނަތީޖާގައި ކެންސަރު ނެތްކަމަށް ދެއްކިނަމަ މި އޮޕަރޭޝަންގައި ކިހިލިފަތްދޮށް އޮޕަރޭޝަން ނުކުރާނަން."

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ބޭނުން ކުރެވުނު ފްރޯޒެންސެކްޝަންއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޢުބައިދު ވިދާޅުވީ "ކެންސަރުގެ އޮޕަރޭޝަންތަކުގައި ފްރޯޒެން ސެކްޝަނަކީ ވަރަށް ބޭނުންތެރި ޓެސްޓެއް. އޭގެ ސަބަބުން އޮޕަރޭޝަންގައި ކޮންމެހެން ނަގަން ނުޖެހޭ ބައެއް ނުނީ ގުނަވަނެއް ހަށިގަނޑުން ނުނެގުމާއި އަދި ކޮންމެހެން ނަގަން ނުޖެހޭ ބައެއް ނުވަތަ ގުނަވަނެއް ހަށިގަނޑުން ނުނެގުމާއި އަދި ކޮންމެހެން ނަގަންޖެހޭ ބައެއް ހަށިގަނޑުގައި ބެހެއްޓުނު މިއިން މަނާކޮށްދޭ. މިސާލަކަށް ޓިއުމަރެއް ނަގާއިރު އޭގެ ދާރަތަކުން ކެންސަރުގެ އަސަރު ހުރިތޯ ނުވަތަ ނެތްތޯ މިޓެސްޓުން ޔަޤީންކޮށްދޭ. މާޖިންގައި ކެންސަރު ހުރިނަމަ އިތުރު މާޖިންއެއްލާފައި މުޅި ޓިއުމަރ އެކީގައި ނުގުމުގެ ޤާބިލްކަން އޮޕރޭޝަން ޑޮކްޓަރުންނަށް ލިއްބައިދޭ. ވުމާއެކު ކެންސަރުގެ ބަލިމީހުންނަށް މިއީ ވަރަށް ބޭނުންތެރި ޓެސްޓެއް."

ޓްރީ ޓޮޕް ހޮސްޕިޓަލުން ހާމަކުރިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އޮޕަރޭޝަން ކުރެވުނު މި ބަލިމީހާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެ ހޮސްޕިޓަލުން އުންމީދުކުރަނީ ރާއްޖޭގެ ބަލިމީހުންނަށް އަދި ވަކިން ޚާއްޞަކޮށް ކެންސަރުގެ ބަލިމީހުންގެ ފަރުވާގައި ޒަމާނީ އިތުރު ވަސީލަތްތައް ޤާއިމްކޮށްދިނުމާއެކު އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަސް އޮތްތަނުގައި ރަނގަޅުވެގެން ދިއުމެވެ. އަދި އާންމު ރައްޔިތުންގެ އަތްފޯރާފަށަށް ފެންވަރު ރަނގަޅު ޚިދްމަތްތަކެއް ހެޔޮއަގެއްގައި ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް