ބޮލީވުޑް އެކްޓްރެސް ރާއްޖެ އައިސް ޑައިވިން ކިޓާ ނުލާ ފީނަން ދަސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
"ސްކިން ޑައިވް" ދަސްކުރުމުގެ މަސައްކަތްކުރަމުން އަންނަކަން އޭނާ ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ދެ ވީޑިއޯއަކާއެކު އާންމުކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ވީޑިއޯގައި ސުޝްމިތާ ބުނެފައިވަނީ އުމުރުން 43 އަހަރުގައި ސްކިން ޑައިވް ދަސްކުރަނީ ކަމަށެވެ. އެއްވެސް ކަމެއް ކުރަން އަދި އެކަކަށްވެސް ލަސް ނުވާކަމަށާއި ކޮންމެ ކަމެއްވެސް ފަށައިގަތުމަށް ބޭނުންވަނީ ވާނެކަން ގަބޫލުކުރުން ކަމުގައި ބުނެފައިވެއެވެ. ސްކިން ޑައިވް ދަސްކޮށްދޭ ހުސެއިން ހަސަން އަށް އެ ޕޯސްޓްގައި ޝުކުރު އަދާކޮށްފައިވެސް ވެއެވެ.
ސުޝްމިތާ ރާއްޖެ އައީ ސީދާ ކޮން ދުވަހަކު ކަމެއް ބުނާކަށް ނޭނގެއެވެ. އެހެން ނަމަވެސް އޭނާގެ އިންސްޓަގްރާމް ޕޯސްޓްތަކަށް ބަލާއިރު އޭނާ ރާއްޖެ އައީ އޭނާގެ 10 އަހަރުގެ އަންހެން ދަރިފުޅު، އެލީޝާ ސެންގެ އުފަންދުވަސް ފާހަގަކުރަން ކަމުގައި ބެލެވެއެވެ.
އެގޮތުން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު އެލީޝާއަށް 10 އަހަރު ފުރޭ ދުވަހު އެލީޝާ ސްކޫބާ ޑައިވެއް ކުރަނީ ކަމަށާއި ސްކޫބާ ޑައިވެއް ކުރެވޭނެ އެންމެ ހަގު އުމުރަކީ 10 އަހަރު ކަމުގައިވާއިރު އޭނާގެ ދަރިފުޅު ފާއިތުވި ފަސް އަހަރު އެކަމަށް އިންތިޒާރު ކުރި ކަމަށެވެ. އަދި ރާއްޖޭގައި އޭނާގެ ދަރިފުޅު ސްކޫބާ ޑައިވެއް އިއްޔެ ކޮށްފައިވާއިރު ސުޝްމިތާވެސް އެންމެ ފުރަތަމަ ސްކޫބާ ޑައިވެއް ކުރީ ރާއްޖޭގައިކަން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް