އައްޑޫ ނުކުޅެދޭ މީހާގެ ރޭޕް މައްސަލައިގަ އިތުރު ބަޔަކު ނުހިމެނޭ: ފުލުހުން

އައްޑޫ ސިޓީ ހިތަދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ރޭޕް ކުރި މައްސަލައިގަ ހައްޔަރުކޮށްފައިވާ ދެ މީހުންގެ އިތުރުން، އިތުރު ބަޔަކު އެ މައްސަލައިގަ ނުހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ. މިމަހުގެ...

03 Aug 2020 | 07:47

އައްޑޫ ސިޓީ ހިތަދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ރޭޕް ކުރި މައްސަލައިގަ ހައްޔަރުކޮށްފައިވާ ދެ މީހުންގެ އިތުރުން، އިތުރު ބަޔަކު އެ މައްސަލައިގަ ނުހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ އެއް ވަނަ ދުވަހު ރޭޕްކޮށްފައިވަނީ އުމުރުން 48 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އެ މައްސަލައިގަ މިމަހުގެ ދެ ވަނަ ދުވަހު ވަނީ އުމުރުން 19 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައި އެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލައިގަ އިތުރު ހަތަރު މީހަކު ހިމެނޭ ކަމަށް ބުނެ ދަނީ އަޑު ފެތުރެމުންނެވެ. އަދި މިއީ ހަ މީހުންގެ ގްރޫޕަކުން ރާވައިގެން ކުރި ކަމެއް ކަމަށްވެސް އަޑު ފެތުރުނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާއިން ބުނީ އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ހައްޔަރު ކުރެވުނު ދެ މީހުން ފިޔަވައި އިތުރު ބަޔަކު ބައިވެރިވާކަން ތަހުގީގަށް ހާމަވެފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ މިފަދަ މައްސަލަތަކުގައި އަމަލު ކުރަން ޖެހޭ އުސޫލުން މި މައްސަލައިގެ ތަހުގީގުގައިވެސް އަމަލު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގަ ރޭޕް ކުރި އަންހެން މީހާ ޑޮކްޓަރަށް ދައްކާފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށެވެ. އަދި އެމީހާގެ ސައިކޮލިޖިކަލް އެސެސްމެންޓު ހެދުމަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް