އަދީބުގެ މަންޒިލަކީ އިނގިރޭސިވިލާތް، ރޭވުން ރޭވީ އިންޑިއާގައި ހުރެ !

ބޮޑު ހިލަ އުފުލާ ބަނޑުތަކާއެކު ދަތުރުކުރާ ޓަގެއްގެ ކްރޫއެއްގެ ގޮތުގައި، ވަގަށް އިންޑިއާއަށް އެތެރެވާން ދަނިކޮށް އަތުލައިގަތް، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަސްލު މަންޒިލަކީ އިންޑިއާ...

03 Aug 2019 | 05:01

ބޮޑު ހިލަ އުފުލާ ބަނޑުތަކާއެކު ދަތުރުކުރާ ޓަގެއްގެ ކްރޫއެއްގެ ގޮތުގައި، ވަގަށް އިންޑިއާއަށް އެތެރެވާން ދަނިކޮށް އަތުލައިގަތް، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަސްލު މަންޒިލަކީ އިންޑިއާ މަގު މެދުވެރިކޮށް އިނގިރޭސިވިލާތަށް ދިއުން ކަމުގައި އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ސަންޑޭ ކްރޮނިކަލް އިން ބައެއް މަސްދަރުތަކާ ހަވާލާދީ ބުނެފައިވާގޮތުގައި އަދީބު ރާވާފައި އޮތީ އިންޑިއާމަގުން އިނގިރޭސިވިލާތަށް  ގޮސް އެ ގައުމުން ސިޔާސީ ހިމާޔަތް ހޯދުމަށެވެ. އެއީ ރައީސް ނަޝީދާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސް ސިޔާސީ ހިމާޔަތް ހޯއްދެވި ގޮތަށް ކަމަށް ބުނެފައިވެއެވެ.

އެ ހުރިހާ ރޭވުމެއް ރާވައި، އެކަމަށް މަގުފަހިވާނޭހެން އަޅަންޖެހޭ "ކޮޅުތައް" އެޅީ ދާދިފަހުން ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް އިންޑިއާގައި ހުރި އިރު ކަމަށްވެސް ބުނެފައިވެއެވެ.

ކޮންމެއަކަސް ފިއްލަވަން އަދީބު ރޭވި ރޭވުން މިވަނީ ފަނުފުލުން ގޮސްފައެވެ. އަދީބަށް އިންޑިއާގެ ތޫތުކުޑި ބަނދަރާއި ހަމައަށްވެސް ވާސިލެއް ނުވެވުނެވެ. ކަނޑުމަތިން އެ ބޯޓަށް އިންޑިއާގެ ކަސްޓަމްސް އާއި ކަމާބެހޭ ފަރާތްތަކުން އަރައި އަދީބާއެކު އެ ބޯޓު ތޫތުކުޑި ބަނދަރަށް ގެންދިޔައެވެ.

އަދީބުގެ ޕްލޭން ފަނުފުލުން ދިޔައީ، އަދީބު ފިއްލަވަން މަސައްކަތް ކުރެއްވި "ވާގޯ9" ޓަގްބޯޓުގެ ފަޅުވެރިއަކު އެކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުން ކަމަށްވެއެވެ.

ޕްލޭން ފެއިލްވެ އިންޑިއާއަށް އެތެރެވެވޭގޮތް ނުވުމުން އިންޑިއާގެ ސިޔާސީ ހިމާޔަތަށްވެސް އަދީބު އެދުނެވެ. ނަމަވެސް އިންޑިއާއިން ވަނީ އެ ހިމާޔަތް އަދީބަށް ނުދީ އަނބުރާ ރާއްޖެ ފޮނުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް