ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް ސިއްހީގޮތުން ތަފާތު މައްސަލަތައް ދިމާވެއެވެ. ޚާއްސަކޮށް އަރިދަފުސް ރޯގާ އާއި ހުންއައުން ފަދަ ބަލިތައް ޖެހި ޙައްޖުގެ އަޅުކަން އަދާކުރުމަށްވެސް ދަތިތައް ދިމާވެއެވެ. އަދި އެނބުރި ރާއްޖެއައުމަށްފަހުވެސް އެ ބަލީގައި އުޅެންޖެހެއެވެ. އެހެންކަމުން ޙައްޖުގެ އަޅުކަމަށް ދާ ފަރާތްތަކުން ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރަންޖެހޭ ކަންކަމަށް ދުރާލާ ސަމާލުވެ އެކަންކަން ކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ. އެތައް ހާސް ބަޔަކު އެއް ބިމަކަށް ޖަމާވެ އުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތައްކެއް ހުންނާނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރާގޮތުގައި ޙައްޖުވެރިން އަޅުކަމަށް ފުރުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ކޮންމެހެންވެސް ސަމާލުކަން ދޭންޖެހެއެވެ. އެގޮތުން ހައްޖަށް ފުރުމުގެ ދެހަފްތާކުރިން ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފްލެއެންޒާ ވެކްސިންޖަހަންޖެހެއެވެ. ހައްޖަށް ފުރުމުގެ ދެ ހަފްތާކުރިން ވެކްސިން ޖަހަންޖެހެނީ ވެކްސިން ޖެހުމަށްފަހު ހަށިގަނޑުގެ ދިފާޢީ ބާރު އުފެއްދުމަށް ގާތްގަޑަކަށް ދެ ހަފްތާވަރު އާންމުކޮށް ނަގާ ތީކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
ޙައްޖަށް ގޮސް އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް، އަބަދުވެސް ސާފުތާހިރުކޮށް ތިބުމަށާއި އުޅޭކޮޓަރިއާއި ފާހާނަ ސާފުކޮށް ބަލަހައްޓަން ވާނެއެވެ. ރޯގާޖެހި ކެއްސާނަމަ، އަނގައާއި ނޭފަތް ޓިޝޫއަކުން ނުވަތަ ރުމާލަކުން ނިވާކުރުން އަދި މީހުން އެއްވެ އުޅޭތަންތަނުގައި މާސްކުއެޅުމަށް ސަމާލުކަން ދޭންވާނެއެވެ. މީގެއިތުރުން ކާބޯތަކެތި ކެއުމާއި ، ތައްޔާރުކުރުމާއި، މީހަކަށް ކާންދިނުމުގެ ކުރިން އަދި ފާހާނަ ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮންނަން ސަމާލުކަން ދޭންވާނެއެވެ.
ޙައްޖުގެ އަޅުކަން އަދާކުރަން ދާ ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ އާއި މައްކާގެ ބިމަކީވެސް ހޫނުގަދަ ބިމަކަށް ވުމުން ހައްޖުވެރިން އެމީހުންގެ ހަށިގަނޑުން ފެން މަދުނުވެ ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ހަށިގަނޑުން މާ ބޮޑަށް ފެންމަދުވެއްޖެ ނަމަވެސް އަޅުކަން ކުރުމުގައި ދަތިތަކާ ކުރިމަތިވާނެއެވެ. އެހެންކަމުން ހަށިގަނޑުން ފެން މަދު ވިޔަ ނުދިނުމަށް ފެނާއި ދިޔާތަކެތި ގިނައިން ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ތަފާތު އެކި ވައްތަރުގެ ފިޒީ ޑްރިންކްސް އާއި އެނަރޖީ ޑްރިންކްސް އަދި ގިނައިން ހަކުރު ހިމެނޭ ބުއިންތައް ބޭނުންނުކުރުމަށް ސަމާލުކަން ދޭންވަނެއެވެ. މީގެއިތުރުން ބިންގަނޑުގެ ހޫނުން ފައި ރައްކާތެރިކުރުމަށް ހިނބާބިގާވެ އުޅޭއިރު ފަޔަށް ފަސޭހަ ފައިވާނެއް ބޭނުންކުރަން ވާނެއެވެ.
މީގެއިތުރުން ހައްޖަށް ދާ މީހާއަކީ ބައްޔަކަށް ބޭސް ބޭނުންކުރާ މީހެއްނަމަ ޤަވާއިދުން ބޭސްކެއުމަށް އެމީހަކު ސަމާލުކަން ދޭންވާނެއެވެ. އަދި އެމީހަކީ ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ މީހެއް ކަމަށްވާނަމަ ޑޮކްޓަރުގެ އެންމެ ފަހުގެ ބޭސް ސިޓީތަކާއި ބަލީގެ ހުލާސާ ރިޕޯޓް ހައްޖަށް ދާއިރު ގެންދަން ވާނެއެވެ. ހައްޖަށް ގޮސް އުޅޭއިރު ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ޖަނަވާރު ވިއްކާތަންތަނަށް ނުދިޔުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޖަމަލުގެ ކިރު ބޭނުންކުރާނަމަ ރަނގަޅަށް ކެއްކުމަށްފަހު ނޫނީ ބޭނުންނުކުރުމަށް ހަނދާންކުރަންވާނެއެވެ. މަހާއި އެއްގަމު މަސް ބޭނުންކުރުމުގައި މަސްހުރީ ރަނގަޅަށް ރޯފިލާފައިތޯ ބަލާ ޗެކްކޮށްފައި ނޫނީ މަސް އެއްޗިސް ބޭނުންނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
ޙައްޖުގެ އަޅުކަމުން އެނބުރި އައުމަށްފަހު ކެއްސާއި ކިނބިހި އަޅާނަމަ ދަތުރުމަތީގައްޔާ އެނބުރި އައުމަށްފަހު ނޭފަތާއި އަނގަ ނިވާކޮށްގެން އުޅެން ސަމާލުކަން ދޭންޖެހެއެވެ. އަދި އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާހޯދަން ވާނެއެވެ.
ސޯސް: ހެލްތް ޕްރޮޓެކްޝަން އެޖެންސީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް