ބޮޑުފިނޮޅު ހަމަނުޖެހުން: 19 ބިދޭސީއަކު ހައްޔަރުކުރި، ފުލުހުންތަކަކަށް އަނިޔާވި

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ނުދޭތީ އެ ބިދޭސީން ރުޅިގަދަވެގެން އެތާނގައި ތިބި ދިވެހިން ރަހީނުކޮށް ހިންގި ހަމ...

03 Jul 2020 | 11:03

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ނުދޭތީ އެ ބިދޭސީން ރުޅިގަދަވެގެން އެތާނގައި ތިބި ދިވެހިން ރަހީނުކޮށް ހިންގި ހަމަނުޖެހުމާއި ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށާއި މި އޮޕަރޭޝަނުގައި ފުލުހުންތަކަކަށް އަނިޔާވި ކަމުގައިވެސް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބޮޑުފިނޮޅުގައި މަސައްކަތްކުރަމުންދިޔަ 15 ދިވެއްސަކު އެ ރިސޯޓުން ފައިބަން މަސައްކަތް ކުރުމުން ބިދޭސީންވެގެން އެ ދިވެހިން އެ ރަށުން ފޭބިޔަ ނުދިން ކަމަށާއި އެހެންކަމުން ފުރަތަމަ އެ ރަށަށް ދިޔައީ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ޓީމެއް ކަމަށެވެ.

"އެ ޓީމް އެ ރަށަށްދިއުމުން އެ ރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެމީޙުން ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގާފައިވާކަމަށާއި އެގޮތުން ހިންގި ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯ ފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ބ. އަތޮޅު ސިއްހީމަރުކަޒުން ފަރުވާ ހޯދާފައިވާކަމަށެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

"މިކަމާއި ގުޅިގެން ފުލުހުންގެ އިސް ދެ އޮފިޝަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑަރ ރެސްޕޯންސް ޔުނިޓްގެ ޓީމަކާއި ފުލުހުންގެ ތަހްގީގް ޓީމެއް ބަންގްލަދޭޝްގެ ހައި ކޮމިޝަންގެ ދެ އޮފިޝަލުންނާއެކު ރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް ވަނީ އެ ރަށުގައި ތިބި ދިވެހިން ސަލާމަތްކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޕަބްލިކް އޯޑަރ ރެސްޕޯންސް ޔުނިޓްގެ ފުލުހުންނާއި ފުލުހުންގެ ތަހްގީގު ޓީމު އެ ރަށަށް ދިޔަފަހުން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށާއި ބަންގްލަދޭޝްގެ ހައި ކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީމަސައްކަތްތެރިންނާ މުއާމަލާތް ކުރެވި އެ ރަށުގައި ކުރިން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޝާމިލްވާކަމަށް ބެލެވޭ 19 ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

ފުލުހުންގެ ޓީމުން މިހާރުދަނީ ރަށުތެރޭގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުން ކަމަށާއި އަދި މި މައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް