ހޯޕް ގުރޫޕުން، ހޯޕް ޓްރެވެލްސް ތައާރަފްކޮށް މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ލޯންޗު ފެރީގެ ހިދުމަތް ދޭން ފަށާނެއެވެ.
ހޯޕް ޓްރެވެލްސް އިން މާލެ އިން ނޫނު އަތޮޅުގެ ގިނަ ރަށްތަކަށް ފެރީގެ ހިދުމަތް ލިބިގެން ދާނެ ކަމަށް އެ ގުރޫޕުން މައުލޫމާތު ދެއެވެ. އެގޮތުން، މަނަދޫ، ޅޮހި، މިލަދޫ، މަގޫދޫ، ހޮޅުދޫ، ފޮއްދޫ އަދި ވެލިދޫ އަށް މި ފެރީ ދަތުރުކުރާނެއެވެ. ހޯޕް ގުރޫޕުން ބުނާގޮތުގައި، މި ރަށްތަކަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުދަ ދުވަހަކު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހއ. އަތޮޅަށާއި ހދ. އަތޮޅަށްވެސް މި ފެރީ ދަނީ ދަތުރުތައް ފަށަން ތައްޔާރުވަމުންނެވެ. އެގޮތުން، ކޮންމެ ހަފްތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހަކު ހައި. ހޯރަފުށި، އިހަވަންދޫ، ދިއްދޫ އަދި ހދ.ކުޅުއްދުއްފުއްޓަށް ދަތުރުތައް ފެށުމަށް ތައްޔާރުވެފައި ވާކަމަށް ހޯޕް ގުރޫޕުން ބުނެއެވެ.
"މިކަމަކީ އެތަކެއް ރައްޔިތުންނެއް އެދެމުން އައި، އެތައް ބަޔަކަށް މިކަމުގެ ލުއި ލިބިގެންދާނެ ކަމެއް" ހޯޕް ގުރޫޕުން ބުންޏެވެ.
ޒަމާނީ ފެންވަރުގެ 63 މީހުންގެ ޖާގައިގެ މި ފެރީގެ ހާއްސަ ކަމަކީ ހިލޭ ވައިފައި ލިބޭކަމެވެ. އަދި ތަފާތު ރިފްރެޝްމެންޓެއްވެސް ޕެސެންޖަރުންނަށް ލިބިގެން ދާނެއެވެ.
ތިމާވެއްޓާ ރައްޓެހި މި ގުރޫޕުން، ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ދަތުރުމަތީގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ. އަދި މޫދަށް ކުނި ނޭޅުން ފަދަ ކަންކަމުގައި އެއްބާރުލުންދީ، އެފަދަ ކަންކަން ވަރަށް ގާތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް ހޯޕް ގުރޫޕުން ބުނެއެވެ.
2018 ވަނަ އަހަރު ވުޖޫދަށް އައި ހޯޕް ކުންފުނިން އެންމެ ފުރަތަމަ ނ. މަނަދޫގައި ގާއިމްކުރީ ޒަމާނީ ފެންވަރުގެ ޕެޓްރޯލް ޝެޑެކެވެ. އަދި އެރަށު ޖެޓީ ސަރަހައްދުގައި ފަސޭހައިން ޕެޓްރޯލް ލިބޭނެހެން ފިއުލް ޑިސްޕެންސަރ އެއް ވަނީ ގާއިމުކޮށްފައެވެ. އުތުރުގެ ގިނަ ރަށްރަށުން މި ހިދުމަތް ހޯދަން އެރަށަށް އަންނައިރު، އުޅަނދު ޖެޓީ އާއި ކައިރިކޮށްލުމުން ފަސް މިނެޓު ތެރޭ ޑިސްޕެންސަރ ތަކުން ތެޔޮ އެޅޭނެގޮތް ހަމަޖެހުން އެއީ ކަސްޓަމަރުން ވަރަށް އުފާ ކުރާ ކަމެއް ކަމަށް ޖެނެރަލަ މެނޭޖަރު ސައީދު ވިދާޅުވިއެވެ.
ހޯޕް އުފެދުނު އެންމެ ބޮޑު މަޤްޞަދަކީ ރައްޔިތުންނަށް ލުއި ފަސޭހަ އަދި ރަގަޅު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ހޯޕް ގުރޫޕުން ބުނެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން ދާކަމަށް ވެސް އެ ގުރޫޕުން ފާހަގަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް