ފީފާ ވޯލްޑް ކަޕްގެ ރައުންޑް އޮފް 16 ގައި މިރޭ 1-0 އިން ސްވިޒަލޭންޑް ބަލިކޮށް ސްވިޑެން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ސްވިޑެންގެ ތަރި ޒަލަޓާން އިބްރަހިމޯވިޗް ނުލާ އެ ޓީމަށް މުބާރާތަށް ކޮލިފައި ވެވޭނެކަމާމެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިވަނިކޮށް، މުބާރާތަށް ކޮލިފައިވެ، ސްވިޑެން ގްރޫޕް ސްޓޭޖް ނިންމާލީ އެއް ވަނައިގައި އޮވެއެވެ. އަދި މިރޭ ހޯދި މޮޅާއެކު ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ވުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. މިގޮތުން ސްވިޑެންގެ ބާގްއަށް ފުރަތަމަ ހާފުގެ ކުރީކޮޅު ވަރަށް ހުސް ދެ ފުރުސަތު ލިބުނުއިރު އެއް ހަމަލާ ގޯލާ އަމާޒު ކޮށް ނުލެވުނެވެ. އަނެއް ހަމަލާ ކީޕަރު ދިފާއު ކުރީއެވެ. ސްވިޒަލޭންޑްގެ ޒެމައިލީއަށް ވެސް ލަނޑު ޖަހަން ވަރަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ސްވިޑެންއަށް ކާމިޔާބު ކޮށްދިނީ ފޯސްބާގްއެވެ. ޓޮއިވޮނެން ދިން ބޯޅައެއް ހިފައިގެން އަރާ އޭނާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒުވީ ސްވިޒަލޭންޑްގެ އަކިންޖީގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
ސްވިޑެންގެ ލަނޑަށްފަހު ސްވިޒަލޭންޑުން ނަތީޖާ ހަމަހަމަ ކޮށްލުމަށް މެޗުގެ ފަހުކޮޅު ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެހެނަސް، އެކަން ކާމިޔާބު ނުވިއިރު، ފަހު ވަގުތު އެ ޓީމުގެ ލަންގް އަށް ވަނީ ރަތް ކާޑު ވެސް ދައްކާފައެވެ. މީގެ އިތުރުން އެންމެ ފަހު ވަގުތު ސްވިޑެންއިން އުފެއްދި ކައުންޓާ އެޓޭކްއެއް ހުއްޓުވަން ސްވިޒަލޭންޑްގެ ކުޅުންތެރިއަކު އޭރިއާގެ ތެރެއިން ފައުލް ކުރިކަމަށް ބަލައި ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް، ވީއޭއާރް ރިވިޔުއަށް ފަހު ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ސްވިޑެން އަށް ކުއާޓާ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ މިރޭ ކޮލަމްބިއާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް