އައިޝާއަކީ ވެރިކަމާއި ގުޅޭ މެޓީރިއަލްއެއް ނޫން: ސުއޫދު

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އއިޝަތު ނަހުލާއަކީ ވެރިކަން ފަދަ މަގާމަކަށް އެކަށީގެންވާ މީހެއް ނޫންކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖ...

03 Jul 2018 | 10:24

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އއިޝަތު ނަހުލާއަކީ ވެރިކަން ފަދަ މަގާމަކަށް އެކަށީގެންވާ މީހެއް ނޫންކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން ނެރޭ ރަނިން މޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އަލަށް އިންތިހާބުވި އަދި ސިޔާސީ ދާއިރާއަށް އަލަށް ނިކުމެވަޑައިގެންނެވި ގާސިމްގެ ހަގު އަނބިކަނބަލުން ނަހުލާ ހަމަޖެއްސުމަށް ތާއީދު ކުރާކަން ހާމަ ކުރެއްވީ ޖޭޕީގެ ރައީސް ކަމަށް އަލަށް އިންތިހާބުވި އަލީ ވަހީދެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި ދަނީ އައިޝާ ރަނިން މޭޓަކަށް އައްޔަން ކުރަން ފެންނަ ކަމަށް ބުނެ ކެމްޕެއިން ކުރަމުންނެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އައިޝާ އެފަދަ މަގާމަކަށް ކުފޫ ހަމަވާކަމަށް އޭނާއަށް ތެދު ތެދަށް ބުނާނަމަ ގަބޫލު ކުރަން ދަތި ކަމަށެވެ. ސުއޫދު ވިދާޅުވީ  ޖުމްހޫރީ ފިލޯސޮފީ ގަބޫލު ކުރައްވާ ނަމަ ހަރަދު ކުރާ މީހާ އާއި ވެރިފަރާތުގެ އެއްވެސް ނުފޫޒެއް ނެތި ރަނިން މޭޓެއް ކަނޑައަޅުމުގެ ބާރު އެ ޕާޓީގެ ކައުންސިލަށް ދޭން ޖެހޭ ކަމަށެވެ.

އިތުރަށް ވިދާޅުވެފައިވަނީ އިންތިހާބަށް މިހާ ވަގުތު ކުޑަތަން ވެފައިވާއިރު ރިޔާސީ އިންތިހާބު ހަލާކުކޮށްލުމުގެ ފުރުސަތު ޖޭޕީއަށް ދެވެން ނެތް ކަމަށެވެ.

ސޯޝަލް މީޑިއާގައި ރަނިން މޭޓުގެ މަގާމަށް ވާދަ ކުރާނެ ކަމަށް އަޑު ފެތުރިފައި ވަނީ ޖޭޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި އެ ޕާޓީގެ ނައިބު ލީޑަރުން ކަމަށްވާ އަބްދުﷲ އަމީނާއި ޑރ.ހުސެއިން ރަޝީދު ހަސަނާއި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އަދި މަޖިލިސް މެންބަރުން ކަމަށްވާ އަލީ ހުސެއިނާއި ފައިސަލް ނަސީމެވެ.

މީގެ ތެރެއިން ގިނަ މީހުން ތާއިދު ކުރަމުން ދަނީ އަލީ ހުސައިން ރަނިން މޭޓަކަށް އައްޔަން ކުރުމަށެވެ. އައިޝާ އާއި ދެކޮޅަށް ވާހަކަދައްކާ ގިނަ މީހުން ބުނަމުންދަނީ އަންހެނަކު ވެރިކަމަށް ގެނައުމީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫންކަމަށާއި ސިޔާސީ ދާއިރާގައިވެސް އައިޝާގެ މާބޮޑު ތަޖުރިބާއެއް ނެތް ކަމަށެވެ. އޭގެ ސަބަބުން އިދިކޮޅަށް ގިނަ ވޯޓުތަކެއް ގެއްލިގެން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް