އިރާނަށް ވެހެން ހުރި ވާރެއާއި ފައިބަން ހުރި ސުނޯ އިޒްރޭލުން ވަގަށް ނަގާކަމުގެ ތުހުމަތު

އިރާނަށް ވެހެންހުރި ވާރެއާއި ފައިބަން ހުރި ސްނޯ، ޓެކްނޮލޮޖީގެ އެހީގައި އިޒްރޭލުން ވަގަށްނަގާކަމަށް އިރާނުން ތުހުމަތު ކޮށްފި އެވެ. މި ތުހުމަތު އިރާނުން ކުރާކަން ހާމަކޮށްފައިވަނީ އިރާނުގެ ސިވިލް ޑިފެންސ...

03 Jul 2018 | 04:45

އިރާނަށް ވެހެންހުރި ވާރެއާއި ފައިބަން ހުރި ސްނޯ، ޓެކްނޮލޮޖީގެ އެހީގައި އިޒްރޭލުން ވަގަށްނަގާކަމަށް އިރާނުން ތުހުމަތު ކޮށްފި އެވެ.

މި ތުހުމަތު އިރާނުން ކުރާކަން ހާމަކޮށްފައިވަނީ އިރާނުގެ ސިވިލް ޑިފެންސް އޮގަނައިޒޭޝަންގެ ބްރިގޭޑިއާ ޖެނެރަލް ގޯލަމް ރިދާ ޖަލާލީ އިއްޔެ އެ ގައުމާއި މުހާތަބުކޮށް ދިން ބަޔާނެއްގައި އެވެ.

އެ ބަޔާނުގައި ޖަލާލީ ބުނެފައިވަނީ އިރާނުގެ މޫސުމަށް އަންނަ ބަދަލަކީ ގުދުރަތީ ބަދަލެއް ނޫން ކަމަށެވެ. އެއީ އެހެން ގައުމުތަކުން އެކަމުގެ ތެރެއަށް ވަދެގެން އަންނަ ބަދަލެއްކަން އިރާނުގެ ސައިންޓިފިކް ރިސާޗް ސެންޓަރުގެ ނިންމުމަކުން އެނގޭ ކަމަށެވެ.

އޭނާ ބުނެފައިވަނީ އިޒްރޭލާއި އަދި އެހެން ގައުމުތަކުން އިރާނު މަތީގައި އޮންނަ ވިލާތަކުން ވާރޭ ނުވެހޭގޮތް ހަދަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެގައުމަށް ފައިބަންހުރި ސްނޯވެސް ވަގަށްނަގާކަމަށެވެ.

ސައިންޓިފިކް ރިސާޗް ސެންޓަރުގެ ދިރާސާއަށް އަލިއަޅުވާލައި އޭނާ ބުނެފައިވަނީ އަފްގާނިސްތާނުގެ އުސް ފަރުބަދަތަކުން ފެށިގެން މެޑިޓެރޭނިއަން ކަނޑާއި ހަމައަށް ދެހާސް މީޓަރަށްވުރެ ބޮޑު ސަރަހައްދަކަށް ސްނޯ ފައިބާއިރު އިރާނުގެ އުސް ތަންތަނުގައި ސްނޯ ނެތް ކަމަށެވެ.

ޖަލާލީގެ މި ބަޔާން އާންމުކޮށްފައިމިވަނީ އިރާނުގައި ވައި ތަގައްޔަރުވުމާއި ސާފު ބޯފެން ނުލިބޭތީ މުޒާހަރާތަކެއް ފަށާފައިވަނިކޮށެވެ. އެ މުޒާހަރާތައް އިރާނުގެ މުހައްމަރާ ސިޓީއާއި އަބާދަން ސިޓީގައި ކުރިއަށްދާއިރު މުޒާހަރާ ކުރާ ފަރާތްތަކުން ސިފަކުރާގޮތުގައި ފެން ރައްކާ ކުރުމާއި މެނޭޖް ކުރުމުގައި ސަރުކާރު ވަނީ ފެއިލް ވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް