ވެރިކަން ކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރަނިންމޭޓަކަށް ވުމުގެ ދައުވަތު، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބަށް ދީފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވީ "މެމްބަރުން ނެތުމުން ވޯޓަށް އަހަން މަސީހު ދެކޮޅު ހައްދަވައިފި" މި ސުރުހީގެ ދަށުން މިހާރު ނޫހުގައި ލިޔެފައިވާ ހަބަރެއް ޓްވީޓް ކުރައްވަމުންނެވެ.
އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ، ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް އާއި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރަނިންމޭޓްކަން ލިބޭނެކަމުގެ ފޮނި އުންމީދުގައި ތިއްބާ އެ ދައުވަތު ލިބުނީ މަސީހްގެ ކޮއްކޮ ފަޒީލް ނަޖީބަށް ކަމަށެވެ.
އަދި އިއްޔެ މަޖިލީހުގައި ހިނގާދިޔަ ކަންކަމަކީ އެކަމާ ގުޅުންހުރި ނިންމުމެއް ކަމަށް ވަރަށްބޮޑަށް ލަފާކުރެވޭކަމަށްވެސް މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ވަނީ އެ ޕާޓީން އަރުވާފަ އެވެ. އިދިކޮޅު ކޯލީޝަނުން އެމްޑީޕީގެ ކެނޑިޑޭޓެއް އަދި ޖޭޕީގެ ރަނިންމޭޓެއް ނެރުމަށް ނިންމާފައިވާއިރު އެމްޑީޕީގެ ޓިކެޓް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ އަރުވާފަ އެވެ. ޖޭޕީން އަދި ރަނިންމޭޓަކު ދައްކާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް