މެމްބަރު އަހުމަދު ރަޝީދުގެ ފޯނު ފުޅާއި، އައިނު ފުޅާއި ތަޅުދަނޑި ފުޅު !

މިއަދަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހޫނުގަދަ ދުވަހެއްކަމާއިމެދު ޝައްކެއް ނެތެވެ. ހަމަ ކުއްލިއަކަށް ފެނިގެން އެ ދިޔައީ 45 މެމްބަރުންގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާ...

03 Jul 2017 | 15:57

މިއަދަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހޫނުގަދަ ދުވަހެއްކަމާއިމެދު ޝައްކެއް ނެތެވެ. ހަމަ ކުއްލިއަކަށް ފެނިގެން އެ ދިޔައީ 45 މެމްބަރުންގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި މަންޒަރެވެ. އެވެސް ވެރިކަންކުރާ ޕާޓީ، ޕީޕީއެމްއަށް ނިސްބަތްވާ 10 މެމްބަރުންގެ ސޮޔާއިވެސް އެކުގައެވެ.

މި ކަންތައްގަނޑުގެ ތެރެއިން ދެން އެންމެ ހޫނުވެގެން މި ދިޔައީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ސޮއި ފުޅުގެ މައްސަލަ އެވެ. މެމްބަރު ވިދާޅުވަނީ ސޮއިފުޅު ނުކުރައްވާ ކަމަށެވެ. އެއޮތީ ފޯޖު ސޮއިފުޅެއް ކަމަށެވެ. އެކަން ހާމަކުރައްވަމުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ފޮޓޯފުޅެއް ޓްވީޓް ކުރެއްވި އެވެ. މެމްބަރު އަހުމަދު ރަޝީދާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲވެސް އެ ފޮޓޯފުޅުގައި ހިމެނިވަޑައިގަންނަވަ އެވެ.

އިސާހިތަކު އިދިކޮޅު ފަރާތްތަކުންވެސް ފޮޓޯފުޅެއް އާއްމު ކުރި އެވެ. މެމްބަރު އަހުމަދު ރަޝީދު ކަމަށް ބެލެވޭ މީހަކު، ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން އާއި އެއް މޭޒުފުޅެއްގައި ތިބެ ކޮންމެވެސް ގަނޑެއްގައި ސޮއި ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯފުޅެކެވެ. ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ބުރަވަނީ އެއީ އެޑިޓް ކޮށްފައިވާ ފޮޓޯފުޅެއް ކަމަށެވެ.

ޕްރެސް ކޮންފަރެންސެއް ބޭއްވުމަށްފަހު އެ ބަޔާނެއްގައި ސޮއިފުޅު ނުކުރައްވާ ކަމަށް މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެސް ވެއްޖެ އެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ވެސް ފޮނުވައިފި އެވެ.

ކަމުގެ ތެރެއަށް ދެން ވަދެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ. މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އެމްޕީ އަހުމަދު ރަޝީދު ލިޔެ ސޮރިކުރީ އަމިއްލަ އަތުން ދިރިތިބި ދެ ހެކިންގެ ހާޒިރުގައި ކަމަށެވެ. އަދި ސޮއި ކުރީ ދުއާވެސް ކޮށްފައި ކަމަށެވެ. ވީޑިއޯވެސް އެބަ އޮތް" ކަމަށެވެ.

އަނެއްކާވެސް ސޯޝަލް މީޑިއާގައި ފޮޓޯފުޅެއް ދައުރުވާން ފެށި އެ ފޮޓޯފުޅުގައި ފެނިގެންދަނީ އެމްޕީ އަހުމަދު ރަޝީދު ކަމުގައި ބެލެވޭ މީހަކު މުސައްލައެއް މަތީގައި އިށީނދެ އިންނަ މަންޒަރެވެ. އަހުމަދު ރަޝީދު ކަމަށް ބެލެވޭ މީހަކު ސޮއި ކުރަން އިންދާ ފެންނަ މަންޒަރު ދައްކުވައިދޭ ފޮޓޯފުޅުގައިވެސް އެމީހަކު އިންނަނީ ހަމަ އެއްކުލައެއްގެ ގަމީހެއް ލައިގެން ކަން ފާހަގަ ކުރެވެ އެވެ.

ފާހަގަ ކުރެވިގެން ދިޔަ އެންމެ ބޮޑު ކަމަކީ އަދި ސޯޝަލް މީޑިއާގައި އެންމެންވެސް ދައްކާ ވާހަކަ އަކީ އެއީކީ ނޫނެވެ.  އެންމެންވެސް ފޮޓޯތަކުގައި ބޮޅު އަޅާ ދައްކަމުން ދަނީ މެމްބަރުގެ އައިނު ފުޅާއި، ފޯނު ފުޅާއި، ތަޅުދަނޑިފުޅާއި އަތުކުރީ ގަޑިފުޅުގެ ވާހަކަ އެވެ. ހުރިހާ ފޮޓޯއެއްގައިވެސް މިތަކެތި ފެނިގެންދެ އެވެ. ނަމަވެސް މި ފޮޓޯތަކަކީ އިދިކޮޅު ފަރާތްތަކުން އެކްސެލުން އެޑިޓްކޮށްފައިވާ ފޮޓޯތަކެއް ކަމުގައިވެސް ވެދާނެ އެވެ. ގޮތް ނިންމާނީ ކިޔުންތެރީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް