ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ގާރީ ރަޝީދު) ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކޮށްފައިވަނީ ވަގު ސޮއެއް ކަމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުން ބުނެފި އެވެ.
ޕިޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެންބަރު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ ވަގު ސޮއެއް ކަމަށް އެ މެންބަރު ޔަގީންކަން ދީފައިވާ ކަމަށެވެ. މި ޓުވީޓާއި އެކު ނިހާން ވަނީ މެންބަރު ރަޝީދު ޕީޕިއެމްގެ އޮފީހުގައި ނިހާން އާއި މެންބަރު އަބްދުﷲ ހަލީލް އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިތުރު މެންބަރަކާއި އެކު އިންނެވި ފޮޓޯއެއް އާންމު ކުރައްވާފައި އެވެ.
"އެމްޕީ ރަޝީދު، ގާރީ ރަޝީދުގެ ނަމުގައި އެމްޑީޕީ ކޯލިޝަން އިން ހުށަހެޅި ގަރާރުގައި ވަނީ ވަގު ސޮއި އެއް ކަމަށް ރަޝީދު ޔަގީންކަން ދެއްވައިފި،" ނިހާން ވިދާޅުވެފައިވެ އެވެ.
https://twitter.com/ahmed_nihan/status/881778091583913984
ނިހާންގެ މި ޓުވީޓަށް ރައްދުދެއްވާ އިދިކޮޅު ފަރާތްތަކުން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ގަރާރުގައި ސޮއި ކޮށްފައިވަނީ ރަޝީދު ނޫން ކަމަށް ވިދާޅުވާން ޖެހޭނީ މެންބަރު އަމިއްލަފުޅަށް ކަމަށާއި ނިހާން އެހެން ވިދާޅުވުމުން އަދި ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި އެ މެންބަރަކު ސޮއި ނުކުރައްވާކަމަށް ވިދާޅުވާނަމަ ފުލުހުންނަށް މައްސަލަ ހުށަހަޅައި އެ ގަރާރުގައި ވަނީ އަމިއްލަފުޅަށް ކުރެއްވި ސޮއެއްތޯ ޔަގީން ކުރުން ރަނގަޅުވާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ މަސީހާއި ދެކޮޅަށް ހުށަހެޅި މައްސަލައިގަ ސޮއި ކުރެއްވީ އެ މެންބަރަކު އަމިއްލައަށް ނަން ޖަހައިގެން ކަމަށެވެ.
މީގެ އިތުރުން މެންބަރު ރަޝީދު ސޮއި ކުރައްވާ ފޮޓޯއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފޮޓޮއެއް ދައުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް