ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތިއްބަވާ ޕީޕީއެމް މެންބަރުންނަށް ކުއްލިއަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
އާންމުކޮށް މަޖިލީސް ތެރޭގައި މެންބަރުންގެ ވިސްނުމަށް ގެންނަވާ ބަދަލާއި ގުޅިގެން ހުރިހާ ޕާޓިއަކުން ކޮމިޓީތަކަށް ބަދަލު ގެނެ އެވެ. އެގޮތުން މިއަދު މާލިއްޔަތު ކޮމިޓީން ވަކިކޮށްފައިވާ މެންބަރުންތެރޭގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި މެންބަރުން ހިމެނެ އެވެ.
މާސިހުއާއި ދެކޮޅަށް ސޮއި ކުރެއްވި އަދި މެލިއްޔަތު ކޮމިޓީގައި ޕީޕިއެމް ތަމްސީލް ކުރައްވާ މެންބަރުންގެ ތެރެއިން މައްޗަންގޮޅު ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ގެ ބަދަލުގައި އެ ކޮމިޓިއަށް ވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ހަމަޖައްސަވާފައި އެވެ. މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގެ ބަދަލުގައި ހަމަޖައްސަވާފައި ވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.
މީގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލުގެ ބަދަލުގައި ހަމަޖައްސަވާފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދެ ވެ. އެކަމަކު އަބްދުﷲ އަހުމަދު ވަނީ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރައްވާފައި އެވެ.
ދައުލަތުގެ މާލިއްޔާގެ މައްސަލަތައް ބަލާ އެކޮމިޓީގެ މުގައްރިރަކީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އަދި ނައިބު މުގައްރިރަކީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް