އެއްވަނަ އިނާމުގެ ގޮތުގައި ބައިލައްކަ ރުފިޔާ ލިބޭ ކެލިގްރަފީ މުބާރާތެއް އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ފަންނާނުންނަށް އަމާޒުކޮށްގެން، ފަންނާނުން ޝައުޤުވެރިވާ ގޮތަށް، ޢަރަބިލިޔުމާއި ދިވެހި ލިޔުމުގެ ފަންނުވެރިކަން އާލާކޮށް ދިރުވުމާއި، ފަންނުވެރިންނަށް މިރޮނގުގައި ކުރިއަށް ދިއުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ބާއްވާ ދިވެހިފަންނާނުންގެ ޢަރަބިލިޔުމާއި ދިވެހި ލިޔުމުގެ ހުނަރުވެރިކަމުގެ ކެލިގުރަފީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައި ކަމަށާއި މި މުބާރާތުގައި ބައިވެރިވާ ލިޔުންތެރިއަކަށް އެންމެ ގިނަވެގެން ހުށަހެޅޭނީ ތިން ލިޔުމެވެ. އަދި މި މުބާރާތުގެ ޢަރަބި ލިޔުމާއި ދިވެހި ލިޔުމުގެ ކެޓަގަރީގައިވެސް ބައިވެރިވެވޭނެއެވެ. އަދި ބައިވެރިން ހުށަހަޅާ ލިޔުންތަކުގެ މަޢުރަޟެއްވެސް ބާއްވާގޮތަށްވަނީ ހަމަޖެހިފައި ކަމަށެވެ.
"މި މުބާރާތުން 1 ވަނައަށް ހޮވޭ ލިޔުމެއް ލިޔުއްވި ފަރާތުގެ ނަން "މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅޭނެއެވެ. މިގޮތަށް ހުށައެޅޭ ލިޔުމަކީ ފަނޑިޔާރުން މާކުސްގެ އެވްރެޖު 85% މަތިން ލިބިފައިވާ ލިޔުމެކެވެ. މި މުބާރާތުން ވަނަތައް ހޮވާގޮތަށް ހަމަޖެހިފައިވަނީ ޢަރަބި އަދި ދިވެހި ލިޔުމުގެ ކެޓަގަރީ ވަކިންނެވެ. މި ގޮތުން މި މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް މި މިނިސްޓްރީން ހުށަހަޅާ އިނާމުތައް: އެއްވަނަ އަށް 50000ރ. (ފަންސާސްހާސް ރުފިޔާ) ދެވަނަ އަށް 40000 ރ. (ސާޅީސްހާސް ރުފިޔާ) ތިންވަނަ އަށް 35000 ރ. (ތިރީސްފަސްހާސް ރުފިޔާ)" މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ދިވެހި ލިޔުމާއި ޢަރަބި ލިޔުމުގެ ފަންނަށް ޢާންމުންޝައުޤުވެރިވާ ގޮތަށް، ލިޔެވޭ ލިޔުންތަކާއި ތަފާތުބާވަތްތަކުގެ ލިޔުމުގެ ޑިޒައިންތައް ފަންނުވެރިންގެ އަމިއްލަ ޚިޔާލުން އުފައްދާފައިވާ އަތުލިޔުމެއް ނުވަތަ ލިޔުންތަކެއް ބައިވެރިކުރުމުގެ ދޮރު ވަނީ ޢާންމުކޮށް ދިވެހި ހުރިހާ ފަރުދުންނަށް ހުޅުވައިލެވިފައި ކަމަށާއި އަދި ކެލިގުރަފީގެ ރޮނގުން ނުވަތަ ޢަރަބި ތާނަ ލިޔުމުގެ ރޮނގުން ޤައުމީ އިނާމު ލިބިފައިވާ ފަރާތެއްކަމުގައިވެގެން ނުވާނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރި ވުމަށްޓަކައި، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2017 އޮގަސްޓު 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ލިޔުން މި މިނިސްޓްރީއަށް ހުށަހެޅުން މިނިސްޓްރީން އެދެ އެވެ. އަދި މި މުބާރާތުގެ ޤަވާޢިދާއި ބައިވެރިވާން އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv ން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނޭ ކަމަށާއި މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި މިނިސްޓްރީގެ 3020213 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް