ކާފަރު ކުރުމުގައި އަވަސް އަރައިގަންނަ މީހުންނާއި، ބިދުޢަވެރި ކުރުމުގައި އަވަސް އަރައިގަންނަ މީހުންނަކީ އެއް މަންހަޖަކަށް ތަބާވާ ބައެއްކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިހާރަކަށްއައިސް ދިވެހި މުޖްތަމަޢުގައި މީސްމީހުން ކާފަރު ކުރުމާއި، ތިމާގެ ފިކުރާއި ދިމާނުވާ މީހުންނަކީ ބިދުޢަވެރިންކަމުގައި ބައެއް ޅަފުރައިގެ ދީނީ ކުދިން ވަރަށް ފަސޭހައިން ބުނަމުންދާކަމަށް ޝޭޚްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ސްޓޭޓަސްއެއްގައި އިޝާރާތްކުރައްވާފައިވެއެވެ.
"ކާފަރު ކުރުމުގައި އަވަސް އަރައިގަންނަ މީހުންނާއި، ބިދުޢަވެރި ކުރުމުގައި އަވަސް އަރައިގަންނަ މީހުންނަކީ އެއް މަންހަޖަކަށް ތަބާވާ، ސަލަފުއްޞާލިޙުންގެ މަންހަޖުން އެއްކިބާވެފައިވާ ބައެއް" ޝައިޚް ލިޔުއްވާފައިވެއެވެ.
މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި 'ދީނީ ފޭރާމުގައި' އުޅޭ ބައެއް ކުދިން އެކުދިންގެ ފިކުރަށް ތަބާނުވާ އެންމެންނަކީ ބިދުޢަވެރިންކަމުގައި ބުނަމުންދެއެވެ. އަދި އެކުދިންގެ ފިކުރަށް ތަބާ ނުވާ މުސްލިމުންނާ ސަލާމް ކުރުންފަދަ އިސްލާމީ ބޮޑެތި ޝިޢާރުތަކުންވެސްވަނީ ދުރުހެލިވެފައެވެ. ދީނީ ބައެއް މުޖްތަމަޢުތަކުގައި އުފެދިފައިވާ ތަފާތު ފިރުޤާތަކަށް ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ދެއްވާފައިވާ ފަތުވާތައް ދިވެހި މުސްލިމް އަޚުންނާއި އުޚްތުންގެ ބޮލުގައި އަޅުވައި މުސްލިމް އަޚުންނާ ގުޅުންކެނޑުން މިހާރުވަނީ ވަރަށްބޮޑަށް ޢާއްމުވެފައެވެ. މިކަމަށް އިޝާރާތް ކުރައްވައި ޝައިޚް ސަމީރު ދާދިފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ : "ﷲ އެގުޅުމެއް ދެމެހެއްޓުމަށް ނުހަނުގަދަ އަމުރުފުޅުން އަމުރުކުރައްވާފައިވާ ރަޙިމުގެ ގުޅުން ކެނޑުމީ ބޮޑުވެގެންވާ ޙަރާމް ކަމެއްކަމުގައި ވީހިނދު، ދީންވެރިކަމުގެ ޝިޢާރެއްގެ ގޮތުގައި އެގުޅުން ކެނޑުން ހަދާފައިވާ ބައެއްގެ މަގުފުރެދުން ބޮޑުކަމާއެވެ." މިހެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް