މަޖިލީހުގެ ނައިބު ރައީސް މެންބަރެއްގެ ގައިގަ ފައިން ޖެއްސެވި ކަމަށް ބުނާ މައްސަލަ ބަލަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރޭ ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ ގައިކޮޅުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފ...

03 Jun 2020 | 08:56

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރޭ ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ ގައިކޮޅުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފައިން ޖެއްސެވި ކަމަށް ބުނާ މައްސަލައެއް ބަލަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮވާލައިފި އެވެ.

މި މައްސަލަ ވަކިން ފުލުހުންނަށް ހުށަހެޅުއްވި ކަމެއް ނޭނގެ އެވެ. އެކަމަކު އެރޭ މަޖިލީހުގައި ހިނގި ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތަޅުމުން ބޭރަށް ގަދަކަމުން ނެރެން އުޅުމުން އަނިޔާވި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

ޕީޕީއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަނުޖެހުމުގެ ތެރެއިން، އީވާ، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިންގެ ގައިކޮޅުގައި ފައިކުރުކޮށް ކޮޅުފައިން ޖެހި ކަމަށެވެ. ޕީޕީއެމްއިން ބުނީ އީވާގެ އެ އަމަލު ކުށްވެރިކުރާ ކަމަށާއި އެ މައްސަލަ ބަލަން ފުލުހުންނަށް ގޮވާލާ ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނީ، މަޖިލީހުގެ ނައިބް ރައީސްގެ މަގާމަކީ ދައުލަތުގެ އިސް އަދި އެހާމެ ޒިންމާދާރު މަގާމަކަށްވާ އިރު، އެމަގާމުގައި ހުންނަވާ ބޭފުޅަކު އެފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އިދިކޮޅު ދެ ޕާޓިން ބުނީ އީވާގެ އެ އަމަލަކީ ނުރައްކާތެރި ހަޑިމުޑުދާރު އަމަލެއް ކަމަށެވެ.

އެރޭގެ ހަމަނުޖެހުމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން އިިތުރަށް ބުނެފައިވާ ގޮތުގައި އެ ހަމަނުޖެހުމުގެ ޒިންމާ ނަންގަވަން ޖެހޭނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން، އެ ހަމަނުޖެހުމަކީ މަޖިލީހުގެ ރައީސްގެ އެންގެވުމަކަށް ވެރިކަން ކުރާ މައި ޕާޓީގެ މެންބަރުން ހިންގި ހަމަނުޖެހުމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެރޭ ޖަލްސާގަިއ ތިބި މެންބަރުން އާންމު ކުރެއްވި ވީޑިއޯތަކުން ފެންނަ ގޮތުގައި ޝިޔާމް ތަޅުމުން ނެގެން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރަނީ ނަޝީދު އެގޮތަށް އިނގިލިން އިޝާރާތް ކުރައްވާ އަޑުގަދަކޮށް ބާރަށް ވިދާޅުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް