މާލޭ ސިޓީގައި އިއުލާނުކޮށްފައިވާ ލޮކްޑައުން ގަވައިދުތަކާއި ހިލާފުވެގެން މާލެއިން އިއްޔެ އެކަނި 200 އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި އެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނި 206 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. އޭގެ ތެރެއިން 202 މީހުންނަކީ މާލެއިން ޖޫރިމަނާކުރި މީހުންނެވެ. ވިލިމާލެ އިން އެއްވެސް މީހަކު ޖޫރިމަނާކޮށްފައި ނުވާއިރު ހުޅުމާލެއިން ޖޫރިމަނާކޮށްފައިވަނީ ހަތަރު މީހުންނެވެ.
މިހާތަނަށް މާލޭ ސިޓީގެ ލޮކްޑައުން ގަވައިދު ތަކާއި ހިލާފުވެގެން 6،975 މީހަކު ވަނީ ޖޫރިމަނާކޮށްފައި އެވެ. އޭގެތެރެއިން 6،153 މީހުންނަކީ މާލެއިން ޖޫރިމަނާ ކުރި މީހުންނެވެ. ހުޅުމާލެއިން 713 މީހަކު ޖޫރިމަނާކޮށްފައިވާއިރު މިހާތަނަށް ވިލިމާލެއިން ޖޫރިމަނާ ކޮށްފައިވަނީ 109 މީހެކެވެ.
ލޮކްޑައުންގެ ގަވައިދާ ހިލާފުވާ ފަރާތްތަށް ފުރަތަމަ ކުރަނީ 1،000 ރުފިޔާއިން ޖޫރިމަނާއެވެ. އެކަން ތަކުރާރު ކުރާ ނަމަ ހައްޔަރުކުރެ އެވެ. ފުލުހުން ބުނީ ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަކީ ފުލުހުން ތާއީދު ކުރާނެ ކަމެއް ނޫން ކަމަށެވެ.
ލޮކްޑައުން ގަވައިދުތަކާއި ހިލާފުވެގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ 384 މީހުންނެވެ. އޭގެ ތެރެއިން 343 މީހުންނަކީ މާލެއިން ހައްޔަރުކޮށްފައިވާ މީހުންނެވެ. ހުޅުމާލެއިން މިހާތަނަށް 38 މީހަކު ހައްޔަރުކޮށްފައިވާއިރު ވިލިމާލެއިން ހައްޔަރުކޮށްފައިވަނީ ތިން މީހެކެވެ.
ފުލުހުން ބުނީ މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ދައުވާ ކުރަން ފޮނުވުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ 123 މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް