އުރީދޫން ބާއްވަމުން އަންނަ "އުރީދޫ މަސް ރޭސް" ގެ މިއަހަރުގެ ފައިނަލް ބުރު މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު އުރީދޫއިން ބާއްވަމުން އަންނަ މަސް ރޭހުގެ ފައިނަލް ބުރަށް ޓީމުތައް ފުރާފައިވަނީ މިއަދު މެންދުރު 14:00 ގައެވެ.
ފިނާލޭގައި ޝަރަފަވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. މީގެއިތުރުން އުރީދޫގެ އިސްވެރިންނާއި ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު) ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މަސްރޭހުގެ ފައިނަލުގައި ވާދަކުރާ ޓީމުތަކަކީ ފުރަތަމަ ހަފުތާގެ އެއްވަނަ ހޯދާފައިވަނީ ޓީމް ވެލައްސަރު، ދެވަނަ ހަފުތާގެ އެއްވަނަ ޓީމް ބޮއިގެ އިތުރުން ތިންވަނަ ހަފުތާގެ އެއްވަނަ ހޯދާފައިވާ ސްޓެލްކޯ މެންސް ޓީމް އެވެ. އަދި ހަތަރުވަނަ ޓީމެއްގެ ގޮތުގައި ފައިނަލް ބުރުގައި ވާދަކުރާނީ ހަތަރުވަނަ ހަފުތާގައި ބޭއްވި އަންހެން މަސްރޭހުގެ އެއްވަނަ ހޯދި ސްޓެލްކޯ ވިމެންސް ޓީމެވެ.
އުރީދޫ މަސްރޭހުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާގެ އިނާމެއްވަނީ ކަނޑައަޅާފައެވެ. އަދި އެންމެ ގިނަ މަސްބާނާ "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާގެ ފައިސާގެ އިނާމަކާއި ރަންކޯރި ދޭން ހަމަޖައްސާފައިވާއިރު އެންމެ ބަރު މަސް ބާނާ ފަރާތަކަށާއި އަންހެން ކެޔޮޅުގެ މަގާމަށް ހޮވޭ ފަރާތަކަށްވެސް 5000 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން އުރީދޫ އިން ބުނެފައިވަނީ މި އިނާމުތަކުގެ އިތުރުންވެސް މަސްރޭހުގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މަސްވެރިންނަށާއި ޓީމުތަކަށް ހާއްސަ އިނާމުތައް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް