އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އެމެޖެންސީ ރޫމަށް ދިމާވި ހޫނުވުމުގެ މައްސަލަ ހައްލުކޮށްފި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީއީސޯ އިބްރާހިމް ސަލީމް ވިދާޅުވީ ހޮސްޕިޓަލުގެ އެއާ ކޮންޑިޝަނިން ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މިދިޔަ އަހަރުގެ މޭ މަހު ހަވާލުކުރީ ވީލް އިންޖިނިއަރިން ކުންފުންޏާ ކަމަށެވެ.
ނަމަވެސް އެކުންފުނިން އެ މަސައްކަތް ނުފެށި ކަމަށާއި މި ސަރުކާރު އައުމާއެކު އެއްބަސްވުން ބާތިލްވީ ކަމަށް ބުނެ އެ ކުންފުނިން އައިޖީއެމްއެޗަށް ސިޓީއެއް ފޮނުވާފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.
އަދި އެ މައްސަލަ ހައްލުކުރުމަށް އައިޖީއެމްއެޗުން މަސައްކަތްކުރަން ނިންމި ކަމަށާއި، ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން ހުއްދަ ލިބުމުން ކޫލިން ސިސްޓަމްތައް ގެނެވުނީ މޭ މަހުގެ 9 ގައި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ސަލީމް ބުނެފައިވަނީ ވީލް އިންޖިނިއަރިން އާއިއެކު އަނެއްކާވެސް އެއްބަސްވުމަކަށް އައިސް، ކޫލިން ޓަވަރުތައް އައިޖީއެމްޗަށް ގެނައިކަމަށާއި އެސެމްބަލް ކުރަން ފެށުނީ 12 މޭގައި ކަމަށެވެ. އަދި އެ މަސައްކަތް 2 ޖޫން ގައި އެއްކޮށް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް