ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން މިއަދު ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.
އަދި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ގ. ބިއްލޫރިޖެހިގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އަދި މިނިސްޓްރީގެ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބޭނެ ކަމަށްވެސް މި އިއުލާނުގައި ބުނެފައިވެއެވެ.
ރިވެލި އެވޯޑަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް