މާލެއިން ގިނައިން ޕޮސިޓިވްވީ މަގުމަތީގައި އުޅޭ އުމުރުފުރާގެ ފިރިހެނުން!

އާންމުންގެ މެދުގައި ކޯވިޑް-19 ރާއްޖޭގައި ފެތުރެމުންދާއިރު ވައިރަސް އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ މާލޭގައި އެންމެ ގިނައިން ބަލި ޖެހިފައިވަނީ މަގުމަތީގައި އާންމުކޮށް އުޅޭ އުމުރުފުރާގެ މީހުންނަށް...

03 May 2020 | 18:53

އާންމުންގެ މެދުގައި ކޯވިޑް-19 ރާއްޖޭގައި ފެތުރެމުންދާއިރު ވައިރަސް އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ މާލޭގައި އެންމެ ގިނައިން ބަލި ޖެހިފައިވަނީ މަގުމަތީގައި އާންމުކޮށް އުޅޭ އުމުރުފުރާގެ މީހުންނަށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ ފަރާތުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މާލެއިން ޕޮސިޓިވްވެފައިވާ މީހުންގެ އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައީ18 އަހަރާއި60 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ދިވެހިން ކަމަށެވެ. އަދި އެންމެ ގިނައިން ޕޮސިޓިވްވެފައިވާ ބަންގްލަދޭޝް މީހުންގެ އުމުރުފުރާއަކީ20 އަހަރާއި40 އަހަރާ ދެމެދު ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން85.5 ޕަސެންޓު މީހުންނަކީ ފިރިހެނުން ކަމަށެވެ. އަދި ޕޮސިޓިވްވި މީހުންގެ ތެރެއިން49.9 ޕަސެންޓު މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ ހެލިފެލިވެ އުޅޭ އުމުރު ފުރާތަކުގެ މީހުން ކަމަށެވެ. އެެއީ ގިނައިން ބޭރަށް ނުކުމެ ގިނަ ބަޔަކާއި ބައްދަލުވެފައިވާ މީހުން ކަމަށެވެ.

ބަލީގައި ޕޮސިޓިވްވާ މީހުންނާއި ގުޅޭގޮތުން ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ތެރެއިން68 ޕަސެންޓު މީހުންނަކީ އެއްވެސް އަލާމާތެއް ނެތި ބަލި ޖެހިފައިވާ މީހުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ މި ބަލީގައި ރަނގަޅަކަށް ވިޔަސް އެގޮތަށް އަލާމާތެއް ނެތި ބައްޔަށް ޕޮސިޓިވްވާ މީހުން ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

މިހާތަނަށް މިގޮތަށް ބަލިޖެހިފައިވާ މީހުންނަށް ބަލި ޖެހިފައިވާކަން އެނގިފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވިގެންނެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ އަލާމާތެއް ނެތި ބަލިޖެހިފައިވާ މީހުންނަކީ ދިފާއީ ނިޒާމު ވަރުގަދަ މީހުން ކަމަށެވެ. އެމީހުންގެ ހަށިގަނޑުގައި ކޯވިޑް-19 ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުންނަނީ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް527 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި އެކަކު މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް