ހއ. ތަކަންދޫއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ނުހިމެނޭ މީހަކު އޮޅިގެން ކަރަންޓީން ފެސިލިޓީއަކަށް ގެންދެވިއްޖެ އެވެ.
ތަކަންދޫއިން މިހާތަނަށް ވައިރަހަށް ޕޮސިޓިވް ވެފައިވަނީ ދެ އަންހެނުންނާއި ކުޑަކުއްޖެކެވެ. އޭގެ ތެރެއިން ކުޑަކުއްޖާ އާއި އެއް އަންހެނަކީ ދެމައިންނެވެ.
އެޗްޕީއޭއަށް އޮޅިގެން ގެންދެވިފައިވަނީ އޭގެ ތެރެއިން ކުޑަކުއްޖާ އާއި އެއްބަނޑުއެއްބަފާ އެހެން ކުއްޖެކެވެ. އެކުއްޖާ ގެންދިޔައިރު ޕޮސިޓިވް ކުއްޖާ ނުގެންދެ އެވެ. މިކަމާ އެންއީއޯސީން ވަނީ މައާފަށް އެދިވަޑައިގެން އެއީ އޮޅުމަކުން ހިނގި ކަމެއް ކަމަށް ބުނެފަ އެވެ.
ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޮޅިގެން ގެންދެވިފައިވަނީ ޕޮސިޓިވްވި ދެމައިންނާއި ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ ކުއްޖެއް ކަމަށެވެ. އެހެންވީމަ އޮޅުމަކުން އެ ކުއްޖާ ގެންދެވިފައި ވީނަމަވެސް އޭނާ ބަހައްޓާނީ ކަރަންޓީންގައި ކަމަށާއި ކުރިންވެސް އޮޅިގެން ގެންދެވުނު ކުއްޖާ ޓެސްޓު ކުރުމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކަރަންޓީނަށް ގެންދިއުމަށް ތައްޔާރު ކުރި ލިޔުމުގައި ނަން އޮޅުނީ އެ ދެ ކުދިންގެ ނަން އެއްވައްތަރު ކަމުން ކަމަށެވެ. އެ ދެ ކުދިންގެ ނަމުގައި ތަފާތު ވަނީ ފިއްޔެއް އެކަނި ކަމަށެވެ.
ތަކަންދޫއިން މިހާތަނަށް ޕޮސިޓިވްވި މީހުންނަކީ ހއ. އަށް ދަތުރު ކުރި ކާވިޔާ ބޯޓުން ދަތުރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. އެ ބޯޓުން ދަތުރު ކުރި އހ. އުލިގަމު މީހަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައި އެވެ.
އުތުރުގެ އަތޮޅުތަކުން ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ހއ. ދޮނަކުޅި ރިސޯޓުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި އެވެ. ތަކަންދޫއިން ޕޮސިޓިވްވި މީހުން މިހާރުވަނީ އެ ފެސިލިޓީއަށް ގެންދެވިފައި އެވެ.
މީގެ އިތުރުން ށ. ނަރުދޫ އާއި މިލަންދޫއިން ޕޮސިޓިވްވި މީހުންވެސް ފަރުވާ ދިނުމަށް ގެންދެވިފައިވަނީ އެ ފެސިލިޓީ އަށެވެ.
މިހާތަނަށް ރާއްޖެއިން500 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. އަދި އެކަކު ވަނީ ކޯވިޑް ޖެހިގެން މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް