އަނަސް: އަމިއްލަ ޕްލެޓްފޯމެއް ބިނާކޮށް ނޫސްވެރިކަމަށް ހިދުމަތް ކުރަމުން އަންނަ ދަރިވަރެއް

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު މިއަދު ފާހަގަކުރަމުން އަންނައިރު މިއީ ލ. ފޮނަދުއަށް އުފަން އުމުރުން 17 އަހަރުގެ އަހްމަދު އަނަސްގެ ވާހަކައެވެ. އަނަސް އަކީ ލ. އަތޮޅު ތައުލީމީ މަރުކ...

03 May 2019 | 12:06

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު މިއަދު ފާހަގަކުރަމުން އަންނައިރު މިއީ ލ. ފޮނަދުއަށް އުފަން އުމުރުން 17 އަހަރުގެ އަހްމަދު އަނަސްގެ ވާހަކައެވެ. އަނަސް އަކީ ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.

އަނަސް ބުނެދިން ގޮތުގައި ނޫސްވެރިކަން ކުރަން ލޯބިޖެހުނީ ކުޑައިރު އަލީ ސުލައިމާނު ޚަބަރުކިޔާ މަންޒަރު ފެނިގެންނެވެ. އަދި ފަހުން އިތުރަށް ޝަޢުގުވެރިކަން އުފެދުނީ އެކުގައި އުޅުނު ދެ ރަޙްމަތްތެރިއަކު ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާތަން ފެށުމުންނެވެ.

"ނޫސްވެރިއަކަށް، ނުވަތަ ލިޔުންތެރިއަކަށް ވާން ބޭނުންވި. އެކަމަކުވެސް ލިޔާނެ ޕްލެޓްފޯމެއް ނެތީ. ދެން އެހިސާބުން ނިންމީ ލިޔާނެ އަމިއްލަ ޕްލެޓްފޯމެއް ހަދަން. އެގޮތުން ފުރަތަމަ ހެދީ ބްލޮގް އެއް. އެއީ ވާހަކައެމްވީ. އޭރު އުމުރުން 14 އަހަރު.  އޭގަ ލިޔާތާ މާގިނަ ދުވަހެއް ނުވަނީސް މީޑިޔާއެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދިޔައީ. އެއީ ދުވަސް.އެމްވީ އިން. ދެން ފެށީ ދުވަސްގައި ލިޔަން. ފަހުން އެހެން މީޑީޔާތަކަށް ދާންވެސް ފުރުސަތު ލިބުނު އެކަމަކު ނުދިޔައީ. މިހާރު ލިޔަމުންދަނީ އަމިއްލަ މީޑިޔާ، ފާނޫޒުގައި." އަމިއްލަ މަސައްކަތަކާއި ހަމައަށް އާދެވުނު ގޮތް އަނަސް ކިޔާދިނެވެ.

އަނަސް ކިޔާދިން ގޮތުގައި ނޫސްވެރިކަމަށް ވަދެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއި ފާޑުކިޔުންތަކާއި އެކުގައެވެ. އެގޮތުން އުމުރުން ހަތް އަހަރުގަ ފުރަތަމަ ޚަބަރު ލިޔަން ކިޔައިދިނީ ކުރީން ޕީއެސްއެމްގެ ނޫސްވެރިއެއް ކަމުގައިވާ ނައުޝާދް ކަމަށާއި އޭނަ ކިޔައިދިނީ ޚަބަރެއްގަ ހުންނަ ބައިތައް ކަމަށް އަނަސް ބުންޏެވެ. އަދި ފަހުން ދިވެހި މުދައްރިސާއި، ބައްޕަ ކުރެން ލިޔުމުގެ ކުށް ފިލުވާ ދަސްކުރީ ކަމަށާއި ދުވަސް އަށް ވަތްން ފަހުން ދުވަސް ނޫހުގެ އެހީ ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށާއި އަދި އޭގެ އިތުރުން ރާއްޖޭގެ ފުންނާބު އުސް ބޮޑެތި ނޫސްވެރިންގެ ފަރާތުންވެސް ރަނގަޅު ކުރަންވީ ކަންކަމާއި އެއްޗެހި ކިޔައިދެމުން ދިޔަކަން އަނަސް ފާހަގަކުރެއެވެ.

" ނޫސްވެރިކަމުގެ ދާއިރާއަށް ވަނުމާއެކު އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ ކުރަމުންދޭ. އެކުގައި އުޅޭ އެކުވެރިންވެސް އެކަން ހެދީ ބޮޑު ޖޯކަކަށް. ފާނޫޒު ހެދުމުން ވަރަށް ގިނަ ބަޔަކު މަލާމާތުގެ ގޮތުން އަޅުގަނޑަށް "ފާނޫޒު" މިހެން ކިޔަމުންދޭ. ހަގީގަތުގައި މިއަދު މިހާހިސާބަށް މި އާދެވުނީ މީހުންގެ މަލާމާތާއި އެކު. ފާނޫޒު ހެދުމާއެކު ސުކޫލުންވެސް ވަނީ އެތައްފަހަރަކު އެ މަސައްކަތް ހުޓާލާން ބުނެފަ" އަނަސް އަށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

އަމިއްލަ ޕްލެޓްފޯމް ފާނޫޒް ވުޖޫދަށް ގެނައިގޮތް ބުނެދެމުން އަނަސް ބުނީ ފުރަތަމަ ފަހަރަށް ފާނޫޒު ހެދީ ފްރީ ހޯސްޓިންއެއް ކަމަށާއި އެގޮތަށް އެކަން ކުރަމުންދަނިކޮށް އަހްސަން ކިޔާ މީހަކު އަހްސަންގެ އަމިއްލަ ހަރަދުގައި ހޯސްޓިންއާއި ޑޮމެއިންއެއް ގަނެދީ އަދި ޑިޒައިން ކުރާގޮތް ބުނެދެމުން ފާނޫޒް ޑިޒައިންވެސް ކޮށްދިން ކަމަށެވެ. އަދި އަހްސަން އެކަންކަން ކޮށްދިނީ އަމިއްލައަށް ކުރިއަރާދާން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަމަށްބުނެ ކަމަށް އަނަސް ކިޔާދިނެވެ.

ފާނޫޒު ވުޖޫދުވިއިރު އަނަސްގެ އުމުރަކީ އެންމެ 15 އަހަރެވެ.

"ފާނޫޒަކީ ގްރޭޑް 10 ގައި އުޅުނު އިރު ދިވެހި ކްލަބާއި އެކު ހަދަން އުޅުނު މަޖައްލާއަށް ކިޔަން އަޅުގަނޑު ހޯދި ނަމެއް. ދެން ވާހަކައެމްވީ ގެ ނަން ބަދަލުކޮށް، އެހެން ނަމެއް ކިޔާފަ ވެބްސައިޓެއް ހަދަން ޖެހުމުން އެ ނަން ކީ. ފާނޫޒު ފެށުމުން ހަގީގަތުގައި މީޑިޔާއއް ހިންގުމަކީ ކިހާ ބުރަ ކަމެއްކަން އެނގުނީ. ފާނޫޒަށް ލިބުނު އުންމީދު ކުރިވަރަށްވުރެ ބޮޑު ތަރުހީބެއް. އެގޮތުން ފުރަތަމަ އެއް މަސްތެރޭގައި ފާނޫޒަށް ވަނީ 68 ހާސް މީހުން ވަދެފައި. އަދި ފޭސްބުކު ޕޭޖަށްވަނީ 2100 ލައިކް ލިބިފައި. ފާނޫޒު ވެބްސައިޓަށް މިހާރު ކޮންމެ ދުވަހަކު 5000 އާއި 10000 އާއި ދެމެދު އަދަދަކަށް މީހުން ވަދޭ. މިހާރު ޕޭޖަށްވެސް 9000 އަށްވުރެ ގިނަ ލައިކްސް ލިބިފައިވޭ" ފާނޫޒްގެ ފެށުމާއި ލިބިފައިވާ ބައެއް ކުރިއެރުންތައް ހިއްސާކުރަމުން އަނަސް ކިޔާދިނެވެ.

އަނަސްގެ ފާނޫޒުން ލިޔަންފެށި ބައެއް ކުދިން މިހާރު ބޮޑެތި ބައެއް މީޑިއާތަކުގައިވެސް މަސައްކަތް ކުރަމުން އެބަދެއެވެ. އެގޮތުން ބޮޑު ދެ މީޑިއާއެއްގައި ދެ ކުއްޖަކު އަދި އިތުރު ދެ މީޑިއާއެއްގައި ދެ ކުއްޖަކު މިހާރު ނޫސްވެރިކަން ކުރަމުން އަންނަކަން އަނަސް ފާހަގަކުރިއެވެ.

އަނަސް އަންނަނީ ނޫސްވެރިކަމުގެ އިތުރުން މިހާރު ވެބް ޑިޒައިނިންގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން މިހާރު ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ބައެއް ނޫސްތައްވެސް އަނަސް ޑިޒައިންކޮށްފައިވެއެވެ. އަދި އޭނާ މިކަން ކުރަމުން އަންނަނީ އަލަށް ފަށާ ބައެއް ނަމަ އެފޯޑް ކުރެވޭވަރުގެ ހެޔޮ އަގެއްގައިކަންވެސް އަނަސް ފާހަގަކުރެއެވެ.

ނޫސްވެރިކަމުގައި އަނަސް ކުރާ އުންމީދެއް އެބައޮތެވެ. އެއީ ފާނޫޒުގެ ނަމުގައި ޓީވީ ޗެނަލެއް ލޯންޗު ކުރުން ކަމަށާއި އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަން އަނަސް ފާހަގަކުރިއެވެ. އަދި ނޫސްވެރިކަމަށް މީހުން ތައާރަފް ކުރުމަކީވެސް ނޫސްވެރިކަމުގައި އަނަސް ކުރާ އުންމީދެކެވެ.

އަނަސް ގަބޫލުކުރާގޮތުގައި ނޫސްވެރިކަން ކުރިއެރުވޭނީ މިހާރަށްވުރެ ބޮޑަށް ނޫސްވެރިންގެ އަގު ވަޒަންކުރެވިގެންނެވެ. ނޫސްވެރިންނަށް ފުރުސަތުތައް އިތުރުކޮށްގެންނެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އިސްލާމީ ހުދޫދުގެ ތެރެއިން ފުޅާކޮށްގެންނެވެ.

ދުވަހުން އެދެނީ އަނަސް އާއި އަނަސްގެ ފާނޫޒަށް ނޫސްވެރިކަމުގައި އުޖާލާ ދުވަސްތަކަކަށެވެ. ރާއްޖޭގެ އެންމެހާ ނޫސްވެރިންނަށާއި ކިޔުންތެރިންނަށް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މަރުހަބާ ދަންނަވަމެވެ.

[contentcards url="https://faanooz.com/" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް