އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ އިންތިހާބު މިމަހުގެ 30 ގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
އެ ޕާޓީން މިއަދު ބުނީ އިއްޔެ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 162 ވަނަ ޖަލްސާގައި މަޝްވަރާކޮށް، އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލާން މި މަހުގެ މަހުގެ 15 ގައި ހުޅުވާލުމަށާއި މި މަހުގެ 30 ގައި ޕްރައިމަރީ ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީން އިންތިޚާބު ކުރާ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެން ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ މަޖިލީހުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ އަދި މިހާރު ސްރީ ލަންކާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ގަރާރު ފާސްވީ ޖަލްސާ އަށް ހާޒިރުވި 85 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ވޯޓުން ކަމަށް އެމްްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ވެގެންދާނީ އިދިކޮޅު އިއްތިހާތުގެ ފަރާތުން ރިޔާސީ އިންތިހާބަށް ނެރޭ އެއް ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓިން ހުށަހަޅާ ބޭފުޅަކަށެވެ. މިހާތަނަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
އެމަނިކުފާނު ވަނީ ކެމްޕެއިން މެނޭޖަރަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައި އެވެ. އެކަމަކު އަދި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނަޝީދަކަށް ނެތެވެ.
ސަރުކާރުން ވަނީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ކުރީގެ ރައީސް ނަޝީދަށް ދޭން ގާނޫނު ތަން ނުދޭކަމަށް ބުނެފަ އެވެ.
ދެން އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ގިނަ ބަޔަކު ތާއީދު ކުރަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
އެކަމަކު މިދިޔަ ރިޔާސީ ޕްރައިމަރީގައިވެސް ނަޝީދާއި ވާދަ ކުރާނެ ބޭފުޅަކު އެމްޑީޕީގެ ތެރެއަކުން ނިކުމެފައެއް ނުވެ އެވެ. 2008 ވަނަ އަހަރު އެމަނިކުފާނާއި ވާދަ ކުރެއްވީ އޭރުގެ އެމްޑީޕީގެ ރައީސް މުހައްމަދު މުނައްވަރާއި، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް