ފުރަތަމަ ތިން މަހު ދައުލަތަށްއާމްދަނީގެ ގޮތުގައި 4.99 ބިލިއަން ރުފިޔާ!

މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 4.99 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ. އެ އިދާރާ މެދުވެރިކޮށް ދައުލަތަށް ލ...

03 May 2018 | 08:26

މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 4.99 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

އެ އިދާރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީގެ ތަފާސް ހިސާބު ދައްކާގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ 18 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިއަހަރުގެ އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 9.5 ޕަސެންޓް އިތުރު އަދަދެކެވެ.

ފުރަތަމަ ތިން މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީން 2.4 ބިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ވިޔަފާރިފައިދާއިން ނަގާ ޓެކްސް، ބީޕީޓީން ނެވެ. ބީޕީޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފަ ވެއެވެ.

ޖުމްލަ އާމްދަނީގެ ތެރެއިން 658 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެކި ފިޔަވަޅުތައް އަޅައިގެންނެވެ. އޭގެ ތެރޭގައި އެކައުންޓް ފްރީޒް ކޮށްގެންނާއި ކޯޓު މެދުވެރިކޮށް ފައިސާ ހޯދުން ވެސް ހިމެނެ އެވެ.

މިދިޔަ ތިން މަހު ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 199 މިލިއަން ޑޮލަރެވެ.

މީރާއިން ލަފާ ކުރާ ގޮތުގައި މީރާއިން ލަފާ ކުރާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓާގައި އެ އޮތޯރިޓީ މެދުވެރިކޮށް 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް