ބަޔާންތަކާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ލީކު ކޮށްލައިފި

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހައްޔަރު ކުރި ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް ފުލުހުންނަށް ދިން ބަޔާންތަކާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ލީކު ކޮށްލައިފި އެވެ. އިއްޔެ ރޭ ސޯ...

03 May 2018 | 05:57

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހައްޔަރު ކުރި ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް ފުލުހުންނަށް ދިން ބަޔާންތަކާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ލީކު ކޮށްލައިފި އެވެ.

އިއްޔެ ރޭ ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވަނީ އެ ފަރާތްތަކާއި ދެކޮޅަށް ފުލުހުންނަށް ދީފައިވާ ބަޔާންތަކެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫނާއި ދެކޮޅަށް ދީފައިވާ ބަޔާންތައް ހިމެނެ އެވެ.

ރޭ ލީކުކޮށްލާފައިވަނީ އެބޭފުޅުންގެ އިތުރުން ހައްޔަރުގައި ތިބި އިތުރު ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ސިއްރުން ހެކި ބަސްދޭން އެއްބަސްވެފައިވާ މީހުންގެ މައުލޫމާތެވެ. ލީކްކޮށްލާފައިވަނީ ފުލުހުން ތައްޔާރުކޮށްފައިވާ ކާކުކަން އަންގައިދޭ ލިޔުންތަކެކެވެ. އެ ލިޔުންތަކުގައި އެމީހުންގެ ނަމާއި އެޑްރެސް ފަދަ މައުލޫމާތު ހިމަނާފައިވެ އެވެ. އެ ލިޔުމަކީ ސިއްރު ލިޔުމެއް ކަމަށް ވެސް ޖަހާފައި ހުއްޓެވެ. އަދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓަށް ލިޔުންތައް ހުށަހަޅާއިރު ޖަހާ ފޯލިއޯ ނަންބަރު ވެސް އެ ލިޔުންތަކުގައި ހުއްޓެވެ. .

މި މައްސަލައިގަ އިއްޔެ ފުލުހުން ވަނީ ލީކުކޮށްލާފައިވަނީ އަސްލު ލިޔުންތަކެއް ކަމަށް ބުނެފަ އެވެ. އަދި އެކަން ކޮށްފައިވަނީ ނުފޫޒުގަދަ ބަޔަކު ރާވައިގެން މިހާރު ކުރިޔަށްދާ އެ މައްސަލަތަކުގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމަށް ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި އެކަން ކުރި ބަޔަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެ މައްސަލަ ތަހުގީގުކޮށް ނިންމައި ވަރަށް އަވަހަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލީކުކޮށްލި ބަޔާންތަކުގެ ތެރޭގައި، ފެބުރުއަރީ އެކެއް ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަމަލު ކުރެއްވި ގޮތާއި ބައެއް ގާޒީންނަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ހެކިބަސް ދީފައިވާ ބަޔާންތައް ހިމެނެ އެވެ. އަދި، އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު، އަހްމަދު އަރީފް އަމަލު ކުރެއްވި ގޮތާ ގުޅޭ ގޮތުން ފުލުހުންގެ އިސް ވެރިން ދެއްވި ކަަމަށް ބުނާ ބަޔާންތަކެއް ވެސް ހިމެނެ އެވެ.

ފަނޑިޔާރުންގެ ބައެއް ބަޔާންތަކުގައި ވަނީ ވަކި ގޮތަކަށް ހުކުމްތައް ކުރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަންގި ކަމަށް ބުނެފަ އެވެ. އަދި އެބޭފުޅުން ބައެއް ހުކުމްތައް ނެރުމަށް އަންގަވަނީ ރައީސް އަބްދުﷲ ޔާމީން އަންގަވާ ގޮތަށް ކަމަށް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް